ގާނޫނުތައް ތަންފީޒުކުރުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާނެ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މިގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރައްވާ ކަމަށާއި އެކަން އެގޮތަށް ނުވެސް ކުރައްވާނެ ކަމަށެވެ.
އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަދިކަމަކަށް، ރަހްމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ނުބައްލަވާނެކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވިއިރު، މަސްތުވުމާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދާއޫދު އަހުމަދު ވަނީ މިއަދު ވާނުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދޭ ކޮމިޓީގެ ރައީސްކަމުގެ މަގާމުން ވަކިކޮށް، ރައީސް އޮފީހުގައި އޭނާ އަދާކުރަމުން ދިޔަ އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ވެސް މިއަދުން ފެށިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.
ދާއޫދުގެ އިތުރުން ހަމަ މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު އިޒްދިޔާން މުހައްމަދު މައުމޫން ވެސް ރައީސް އޮފީހުގައި އޭނާ އަދާކުރަމުން ގެންދިޔަ އަންޑަ ސެކްރެޓަރީ ފޯ ސްޓެރެޓެޖިކް ކޮމިއުނިކޭޝަން ގެ މަގާމުން ވަކިކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.