އެންމެ ނުބައި މީހާއަކީ އެ މީހެއްގެ ގައުމު ހަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލައި އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު އިސްލާމީ މަރުކަޒުގައި މިއަދު ދެއްވި ހުތުބާގައި ވިދާޅުވެއްޖެ އެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ތިޔަބައި މީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައިވާށެވެ" މި މައުޟޫ އެވެ.

ޚުތުބާ ދެއްވަމުން ހަރަމްފުޅުގެ އިމާމް ވިދާޅުވީ ދުނިޔެމަތީގައި އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ހަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށެވެ. އަދި އެއްބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާއި ހުތުރުބަހުން މުޚާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ޤައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައިވަނީ ތިބާއީ އަމިއްލަ ނަފުސަށާއި އެހެން މީހުންގެ މައްޗަށް އޯގާވެރި އަޅަކަށް ވުމަށް ގޮވާލައްވާފަ އެވެ. އަދި އެފަދަ މީހުންނަށް މާތްﷲ ރަހްމަތް ލައްވައި، ކަށްވަޅުގެ އަޒާބާއި ނަރަކައިގެ ގިނި ހޫނުން މިންޖު ކުރައްވާނެކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވަނީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި އެކަލާނގެ ހިޔާވަހިކަން ދެއްވާނެކަން ހަނދާންކޮށްދެއްވާފަ އެވެ.

"ތިބާގެ އިލްމުން ނުދަންނަ މީހުންނަށް އުގަންނައިދީ، އެ މީހުންގެ މައްޗަށް އޯގާވެރިވާށެވެ! ތިބާގެ މުދަލުން ފަޤީރުންނަށް ހޭދަކުރާށެވެ! ބޮޑެތި މީހުންނަށް އިހުތިރާމުކުރާށެވެ! ކުޑަކުދީންނަށް އޯގާވެރިވާށެވެ! ކުށުގެ ވެށީގައި އުޅޭ މީހުންނަށް މަގުދައްކާށެވެ! ޖަނަވާރުންނަށް ދާންދެން ތިބާ އޯގާވެރިވާށެވެ! ﷲގެ ރަހްމަތާ ކުއްތަންވެގެންވާ މީހުންނީ، އެ ކަލާނގެ ޚަލްގުތަކުގެ މައްޗަށް އޯގާވެރިވާ މީހުންކަން ދަންނާށެވެ!" ޚުތުބާގައި ވިދާޅުވި އެވެ.

އަނެކާއަށް ބޭނުންޖެހިފައިވާ ކަމެއް ކޮށްދޭން މަސައްކަތް ކުރުމަކީ މަސްޖިދުއް ނަބަވީގައި އިއުތިކާފަށް އިނުމަށް ވުރެ ހެޔޮކަން ބޮޑުކަމެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ މުއުމިނުންނަކީ އަނެކުންގެ ބޭނުންތައް ފުއްދައިދޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

"ތިބާގެ އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލާށެވެ! ތިބާ މުށްބާރު ނުކުރާށެވެ! ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަ ނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލާށެވެ! ނުވަތަ ހިތްހެޔޮކަމާއެކު ރީތިކޮށް އޭނާއަށް ޖަވާބުދޭށެވެ! އޭނާގެ ނިކަމެތިކަމާ ހެދި ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި، ތިބާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަ ނުދޭށެވެ. މާތް މީހާގެ ވަޢުދު އަވަހަށް ފުއްދާނެ އެވެ. ބަޚީލު މީހާ ބުނާނީ މާދަން އަންނާށޭއެވެ." ޚުތުބާގައި ވިދާޅުވި އެވެ.

އެންމެ މަތިވެރި ޚުލްގަކީ މާތްﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުންކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ގަދަރުވެރިކަމުގައި ކަމަށެވެ. އަދި ތިބާއީ މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފަ އެވެ.