ކޮޕީ ރައިޓްސް މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑިރެކްޓަރު އޭއާރް ރަހްމާންއަށް ފައިސާގެ ބޮޑު އަދަދަކުން ޖޫރިމަނާ ދައްކަން ދިއްލީގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
2023 ވަނަ އަހަރު ރިލީޒް ކުރެވުނު ތަމަޅަ ފިލްމު "ޕޮންނިއަން ސެލްވަން 2"ގައި ހިމެނޭ ލަވައެއް ކަމަށްވާ "ވީރާ ރާޖާ ވީރާ"އަކީ މީގެ ކުރިން ރިލީޒް ކުރެވިފައިވާ ލަވައެއްގެ ކޮޕީއެއް ކަމަށް ނިންމައި ކޯޓުން ވަނީ އެ ލަވައިގެ ވެރިފަރާތަށް ދެ ކްރޯޑް ރުޕީސް ދައްކަން އޭއާރް ރަހްމާންއަށް އަމުރު ކޮށްފަ އެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި އެ ލަވައަކީ މިނިވަން އާޓިސްޓެއް ކަމަށްވާ ފައްޔާޒް ވަސީފުއްދީން ޑަގަރްގެ އަމިއްލަ ރާގެކެވެ. އޭއާރް ރަހްމާން ވަނީ އޭނާގެ ލަވައިގައި ފައްޔާޒުގެ ލަވައިގެ ތަންތަންކޮޅު ބޭނުން ކޮށްފަ އެވެ.
ދިއްލީ ކޯޓަށް ފައްޔާޒު ހުށައެޅި މައްސަލާގައި އެދިފައިވަނީ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށާއި އެ ލަވަ އިތުރަށް އެހެން އެއްވެސް ޕްލެޓްފޯމެއްގައި ބޭނުން ކުރުން މަނާ ކުރުމުގެ އަމުރަކަށެވެ.
ޝަރީއަތަށްފަހު ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އޭ އާރް ރަހްމާންގެ ލަވައިގައި ފައްޔާޒުގެ ލަވަ ބޭނުން ކޮށްފައިވާކަން ކޯޓަށް ސާބިތުވާ ކަމަށެވެ.
އޭގެ އިތުރުން އޭ އާރް ރަހްމާންގެ ލަވައިގެ ކްރެޑިޓްސްގައި ފައްޔާޒު ހިމެނުމަށް ވެސް ކޯޓުން އޭނާގެ މައްޗަށް އަމުރު ކޮށްފައިވެ އެވެ.