ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލައިފި އެވެ.

އެޗްޕީއޭ އިން ބުނީ ފައިޒާ ވެކްސިން ޖަހާނީ ހަމައެކަނި މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ޚާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ފައިޒާ ވެކްސިން ހަމައެކަނި މާލޭގައި އުޅޭ މީހުންނަށް ދިނުމަށް ނިންމީ އެ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ވެކްސިން ދެނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށެވެ.

ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ފަރާތްތައް

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
  • ޑަޔަލިސިސް ގަވާއިދުން ހަދަމުންދާ މީހުން
  • ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން
  •  ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
  •  ޑައުންސިންޑްރޯމް ހުންނަ ކުދިން
  •  ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިނ
  • އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި )ކޮންޖެނިޓަލް ހާރޓް ޑިޒީޒް( ހުންނަކުދިން )މައްސަލަ ރަގަޅުކުރުމަށްސަރޖަރީއެއް ހަދާފައިނުވާ(

ފައިޒާ ވެކްސިން ޖަހަން ރަޖިސްޓްރީ ވުމަށް ފުރަންޖެހެނީ ގޫގަލް ފޯމެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ވެކްސިން ޖަހަން ދާންޖެހޭ ގަޑި އެޗްޕީއޭ އިން އަންގާނެ އެވެ.

ކޯވެކްސް ފެސިލިޓީގެ ދަށުން ދިވެހި ރާއްޖެއަށް ފައިޒާ ވެކްސިންގެ 5500 ޑޯޒްގެ ވެކްސިން ވަނީ ލިބިފަ އެވެ.