ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު 5 އަހަރަށް ހުއްޓާލުމަށް ހަމާސް އިން ހުށަހެޅި އެއްބަސްވުމަށް އިޒްރޭލުން ދެކޮޅު ހަދައިފި އެވެ.

މި އެއްބަސްވުމުގައި ހަމާސުން ވަނީ ހަމާސްގެ ބަންދުގައި މިހާރު ތިބި ހުރިހާ ރަހީނުން އެއްފަހަރާ މިނިވަން ކުރަންވެސް ހުށަހަޅާފަ އެވެ.

ހަމާސް އިން މި އެއްބަސްވުން އެކުލަވާލި ނަމަވެސް އިޒްރޭލުން ގަދަކަމުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިން ދޫކޮށް ދަންދެން ހަތިޔާރުތައް ތިރި ނުކުރާނެ ކަމަށް އެ ޖަމާއަތުގެ މީޑިއާ އެޑްވައިޒާ ތަހީރު އަލް ނައުނައު ވަނީ ބުނެފަ އެވެ.

ޔަހޫދީން މި އެއްބަސްވުމާއި ދެކޮޅު ހަދާފައިވަނީ ގަތުލުއާއްމު މެދުކަނޑާލައިފިނަމަ ހަމާސް އިތުރަށް ބާރުގަދަވާނެ ކަމަށް ބުނެ ކަމަށް އިޒްރޭލުގެ ސީނިއާ އޮފީޝަލަކު ވަނީ ބުނެފަ އެވެ.

ޔަހޫދީން މި އެއްބަސްވުމާއި ދެކޮޅު ހެދިއިރު އެގައުމުގެ ނޫހަކުން ރިޕޯޓް ކުރި ގޮތުގައި ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ފުޅާކުރުމާ ބެހޭ ގޮތުން އެގައުމުގެ ސެކިއުރިޓީ ކެބިނެޓުން މި ހަފްތާގައި ތިން ވަނަ ބައްދަލުވުން ބާއްވާނެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީން ކެނޑިނޭޅި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 51،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 116،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު 14،000 މީހުން ވަނީ ގެއްލިފަ އެވެ.