މި ސަރުކާރުގެ މިނިސްޓަރުން އުޅެނީ ނުހަނު ބުރަކޮށް ކަމަށާއި ނިމިދިޔަ އެމްޑީޕީ ސަރުކާރާ ހިލާފަށް މި ސަރުކާރުގެ މިނިސްޓަރުން އުޅެނީ "ހުކުރުވިލޭރޭ ޕާޓީ ކުރަން" ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުން މަޖިލީހަށް ހާޒިރުނުކުރާ ކަމަށާއި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މިނިސްޓަރުންނަށް 14 ދުވަސް ފިޔަވާ އިތުރު ވަގުތު ދޭންޖެހެނީ ސުވާލުކުރަން ހުށަހަޅުއްވާ މެންބަރުންނާއި މިނިސްޓަރާއި އިދާރީ މުވައްޒަފުން ވާހަކަދައްކަން ޖެހޭތީ ކަމަށާއި އެ މިނިސްޓަރުން ހާޒިރުކުރަނީ އެންމެންނަށް އެއްބަސްވެވޭ ދުވަހެއްގައި ކަމަށެވެ.
މި ސަރުކާރުގެ މިނިސްޓަރުންނަކީ ވަރަށް ބުރަކޮށް އުޅޭ މިނިސްޓަރުންކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ އެ މިނިސްޓަރުން ވަރަށް ގިނަ މަސައްކަތްތަކެއް ވަރަށް ގިނަ ވަގުތު ކުރައްވައި ވަރަށް ގިނައިން ރާއްޖޭން ބޭރަށް ދަތުރުކުރައްވައިގެން ރާއްޖޭގެ އިގުތިސާދު ރަނގަޅުކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ.
މިއާއެކު ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ފާޑު ވިދާޅުވެ ފަލާހް ވިދާޅުވީ މި ސަރުކާރުގައި ތިބީ ކުރީ އެމްޑީޕީ މިނިސްޓަރުންހެން "ކާލައިގެން ހުކުރު ވިލޭރޭ ޕާޓީކޮށް" އުޅުނު މިނިސްޓަރުން ނޫން ކަމަށެވެ.
"އެމްޑީޕީގައިހެން މިހެން ކާލައިގެން ހުކުރު ވިލޭރޭ ޕާޓީކޮށް އެހެން އުޅުނު ވަޒީރުންނެއް ނޫން މިހާރު މި ތިބީ،" ފަލާހު ވިދާޅުވި އެވެ.
މަޖިލީހަށް ހާޒިރުކުރަން އޮންނަ ދުވަހު މިނިސްޓަރުން ރާއްޖޭން ބޭރުގައި ވެސް ނުވަތަ އާލާސްކަންފުޅާ ވެސް އުޅުއްވައިފާނެ ކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފަ އެވެ.