ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރުގެ އެއްބަނޑު އެއްބަފާ ދައްތަ ރިދިމާ ކަޕޫރު ބޮލީވުޑަށް ވަންނަން އުޅޭކަން އޭނާ ޔަގީން ކޮށްދީފި އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރިދިމާ ވަނީ އިންޑިއާގެ ފަރުބަދަމަތީ ސަރަހައްދެއްގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާގެ އެންމެ ފުރަތަމަ ފިލްމުގެ ޝޫޓިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ބޮލީވުޑްގެ ފިލްމަކުން ފެންނާނެކަން ރިދިމާ ޔަގީން ކޮށްދިން ނަމަވެސް އެ ފިލްމުގެ މާބޮޑު ތަފްސީލެއް އޭނާ ހާމަ ކޮށްފައެއް ނުވެ އެވެ.

2024 ވަނަ އަހަރު ރިލީޒް ކުރެވުނު ވެބް ސީރީޒް "ބޮލީވުޑް ވައިވްސް"އިން ރިދިމާ އެކްޓިންއަށް ނުކުތް ނަމަވެސް މީގެ ކުރިން ބޮލީވުޑްގެ ބޮޑު ސްކްރީން ފިލްމަކުން ފެނިފައެއް ނުވެ އެވެ.

ރިދިމާއަކީ ބޮލީވުޑްގެ ފާހަގަކޮށްލެވޭ އާއިލާއަކަށް ނިސްބަތްވާ ތަރި އެކެވެ. އޭނާ ނިސްބަތްވާ ކަޕޫރު އާއިލާގެ ފާއިތުވި ޖީލުތަކަކީ ވެސް ބޮލީވުޑްގައި ވަރަށް ހަރަކާތްތެރި ބައެކެވެ. އޭގެ ތެރޭގައި އޭނާގެ ކާފަ ރާޖް ކަޕޫރާއި ބައްޕަ ރިޝީ ކަޕޫރު ވެސް ހިމެނެ އެވެ.

އެކްޓަރެއްގެ އިތުރުން ރިދިމާއަކީ މަޝްހޫރު ފެޝަން ޑިޒައިނަރެއް ވެސްމެ އެވެ. އޭނާ ކައިވެނި ކޮށްގެން އުޅެނީ ވިޔަފާރިވެރިޔާ ބާރަތު ސަހާނީއާ އެވެ.