ކްރިސްޓިއަނުން ނުވަތަ ނަސޯރާއިންގެ އިސް ފާދިރީ، ޕޯޕް ކަމަށް ހެދިގެން އާއްމު ކުރި އަމިއްލަފުޅު އޭއައި ފޮޓޯއަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
އެމެރިކާގެ ވައިޓް ހައުސްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން މި ޕޯސްޓްކޮށްފައި މިވަނީ އިސް ފާދިރީ، ޕޯޕް ފްރާންސިސް މިދިޔަ މަހުގެ 21 ވަނަ ދުވަހު މަރުވުމާ ގުޅިގެން އާ ޕޯޕެއް ހޯދަމުންދާ ދަނޑިވަޅެއްގަ އެވެ. މިއާއެކު އެމެރިކާގެ ނަސޯރާއިން ކޮންފަރެންސުން ވަނީ މިއީ އެމީހުންގެ އިމާންތެރިކަމަށް ޓްރަމްޕް ކުރި މަލާމާތެއް ކަމަށް ބުނެފަ އެވެ.
މި ޕޯސްޓާ ގުޅިގެން އާއްމުންގެ އެތައް ބައެއްގެ އިތުރުން ނަސޯރާއިން ބޮޑު މެޖޯރިޓީއެއް އޮންނަ އިޓަލީގެ ކުރީގެ ބޮޑުވަޒީރު މަޓޭއޯ ރެންޒީ ވެސް ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
ޕޯޕަކަށް ވުމުގެ ޝައުގުވެރިކަން ޓްރަމްޕް ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައިވެސް ފާޅުކުރި ނަމަވެސް ޕޯޕެއް ހޮވޭނީ އެކަމަށް ކުރިމަތިލާ ކެނޑިޑޭޓުންގެ މެދުގައި އިންޓަވިއު ކުރުމަށްފަހު ނަސޯރާއިންގެ ފައްޅީގެ އިސް މެންބަރުންގެ މަދުގައި ނެގޭ ވޯޓަކަށް ފަހު އެވެ.
ދާދި ފަހުން ޕޯޕްގެ ޖަނާޒަށް ވަޑައިގެން، ޖަނާޒާގެ ހަވާސާގައި ޓްރަމްޕް ބޭއްވި ބައްދަލުވުންތަކާ ގުޅިގެން ވެސް އޭނާ އަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ރައީސް ވްލޮޑިމީރު ޒެލެންސްކީ އާއެކު ބޭއްވި ބައްދަލުވުން ހިމެނެ އެެވެ.