އިންޑިއާގެ ޑީޑީ އިންޓަނޭޝަނަލް އިން އިންތިޒާމް ކޮށްގެން ބޭއްވި ރިއަލިޓީ ޝޯ "ބެޓަލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ފަޚުރުވެރި ތިންވަނަ ދިވެހި ބޭންޑް "ޓޫ އޮފް އަސް" ހޯދައި ދިވެހިން ފަހުރުވެރިކޮށްފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 12 ބޭންޑް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ރިއަލިޓީ ޝޯގައި "ޓޫ އޮފް އަސް"ގެ ކޮންމެ ހުށަހެޅުމަކަށްވެސް ޖަޖުންގެ ތައުރީފު އޮއްސާލާފައި ވެ އެވެ.

މިއާއެކު ބޭންޑުން ހޯދި ފަހުރުވެރި ކާމިޔާބާއެކު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ގައުމުގެ ނަން ވިދާލާފަދަ ހުށަހެޅުންތަކަށް އެތައް ބަޔަކު ތައުރީފުކޮށްފައި ވެ އެވެ.

ފިނާލޭގެ ކުރިން "ޓޫ އޮފް އަސް"އިން ބުނެފައިވަނީ ސްޓޭޖް މަތީގައި މަދު ބައެއް ތިބި ނަމަވެސް އެ ބޭންޑުން ތަމްސީލު ކުރަނީ މުޅި ދިވެހި ގައުމު ކަމަށެވެ.

މިއީ ދިވެހި ބޭންޑެއް މިފަދަ ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި ބައިވެރިވެ މިހާބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީ ފާހަގަކޮށް ގިނަ ދިވެހިން ވެސް އެ ބޭންޑަށް ތަރުހީބު ދެމުންދެ އެވެ.

"ޓޫ އޮފް އަސް"އިން މި ދަތުރުގައި ހުށައަޅައިދިން ހުށައެޅުންތަކުގައި ހިންދީ ލަވަތަކުގެ އިތުރުން ދިވެހި ލަވަތައް ވެސް ބޭނުން ކޮށްފައިވާކަން ފާހަގަ ކޮށްލެވެ އެވެ.

ބެޓަލް އޮފް ދަ ބޭންޑްސްގެ ޕްރޮޑިއުސަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފިނާލޭގައި ބައިވެރިވި ފަސް ބޭންޑަކީ އާއިލާ ކަމަށާއި އެ ބޭންޑްތަކަށް އިތުރު ފުރުސަތުތައް ވެސް ދޭނެ ކަމަށެވެ.