1962 އިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އަންހެނަކު ހެޔޮހާލުގައި ދިރިހުއްޓާ ފެނިއްޖެ އެވެ.

އެމެރިކާގެ ވިސްކޮންސިން އިން ގެއްލިގެން ހޯދަމުންދިޔަ އޯޑްރީ ބެކަބާގް ފެނިފައިމިވަނީ އޭނާ ގެއްލުނުތާ 63 އަހަރަށް ވުރެ ވެސް ގިނަ ދުވަސްވީ ފަހުންނެވެ.

މިހާރު އުމުރުން 82 އަހަރުގެ ބެކަބާގް 1962 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު ގެއްލުނުއިރު އޭނާގެ އުމުރަކީ 20 އަހަރެވެ.

އޭނާ ހޯދި ޑިޓެކްޓިވް އައިސެކް ހޭންސެން ބުނީ ބެކަބާގް ހޯދީ އޭނާގެ ދައްތަ ގެ އެންސެސްޓަރީ. ކޮމްގެ ޕްރޮފައިލް މެދުވެރިކޮށް ކަމަށެވެ. އޭނާ އާ 45 ވަރަކަށް މިނިޓް ވަންދެން ވާހަކަ ދައްކާފައިވާ ކަމަށާއި ކުރީގެ ދިރިއުޅުން ދޫކޮށްލުމަށް އޭނާ ނިންމި ނިންމުމަށް ހިތާމަނުކުރާ ކަމަށް ވެސް ހޭންސެން ވަނީ ބުނެފަ އެވެ.

އޭނާ ފެނުމާ ގުޅިގެން އެ ސިޓީގެ ކައުންޓީ ޝްރިފް ޗިޕް މެއިސްޓާ ވިދާޅުވީ ބެކަބާގް ގެއިން ފިލީ އަމިއްލައަށް ކަމަށާއި އޭނާ އޭރު ގެއްލުނު އިރު އެއްވެސް ކަހަލަ ކްރިމިނަލް އަދި ޝައްކު ކުރެވޭކަމެއް ވެސް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އުމުރުން 15 އަހަރުގައި ބެކަބާގް ކުރި ކައިވެނީގައި އޭނާގެ ފިރިމީހާ އޭނާއަށް އަނިޔާކޮށް ހެދި ކަމަށާއި އެ ކައިވެންޏަކީ އެއްވެސް ހަމަޖެހުމެއް ނެތް ކައިވެއްޏެއް ކަމަށް ގެއްލޭ މީހުންގެ މައުލޫމާތު އެއްކުރާ ދި ޗާލީ ޕްރޮޖެކްޓުން ވަނީ ބުނެފަ އެވެ.

އޭނާ ގެއްލުނު ދުވަސްވަރުގައި ބެކަބާގް ވަނީ އޭނާގެ ފިރިމީހާ އަނިޔާ ކުރާ ކަމަށާއި މަރާލަން އިންޒާރުދިން ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ގެއްލުނު އިރު ދެ ދަރިން ވެސް ތިބި ބެކަބާގްގެ ބޭބީ ސިޓާ ބުނީ މަސައްކަތްކުރި ތަނުން މުސާރަ ނަގަން ދިޔަ ބެކަބާގް އެންމެ ފަހުން ފެނުނީ ބަސް ސްޓޮޕަކުން ކަމަށެވެ.

މިއާއެކު އޭނާ އެހެން ގައުމެއްގައި ދިރިއުޅެމުން އަންނަކަމަށް ޝެރިފް ވިދާޅުވި ނަމަވެސް އެއީ ކޮންތަނެއް ކަމެއް ހާމަކޮށްފަ އެއް ނުވެ އެވެ.