މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި މެޓް ގާލާ އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ޝަހްސިއްޔަތުން ބައިވެރިވެފައިވާއިރު ފެނުނު އެއް ތަރިއަކީ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން އެވެ.

މެޓް ގާލާގައި އެންމެ ފުރަތަމަ ފަހަރަށް ޝާހްރުކް ޚާން ފެނިގެން ގޮސްފައިވާއިރު އޭނާގެ ފެނިލުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ނިއުޔޯކްގައި އޮތް ފެޝަން ދާއިރާގެ އެންމެ ބޮޑު އިވެންޓަށް ޝާހްރުކް ޚާން ގޮސްފައިވަނީ ސަބްޔަސަޗީއިން ފަރުމާ ކޮށްފައިވާ ހެދުމެއްގަ އެވެ.

ކަޅު ކުލައިގެ ކޯޓު ފަޓުލޫނު ޑިޒައިނަކަށް ތައްޔާރު ކޮށްފައިވާ އެ އައުޓް ފިޓްއާއެކު ލެޓިން އަކުރުގެ "ކޭ" އަކުރު ޖަހާފައިވާ ފަށެއް ވެސް ބޭނުން ކޮށްފައިވެ އެވެ.

މެޓް ގާލާގެ ރެޑް ކާޕެޓަށް ޝާހްރުކް ޚާން ދިއުމުން ބޭރުގެ މީޑިއާތަކުން އޭނާއަކީ ކާކުތޯ ވަނީ ސުވާލު ކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާގެ ނަމަކީ ޝާހްރުކް ޚާން ކަމަށާއި އޭނާ ނިސްބަތްވަނީ އިންޑިއާއަށް ކަމަށް ޝާހްރުކް ޚާން ބުންޏެވެ.

ޝާހްރުކް ޚާންގެ އިތުރުން މިއަހަރުގެ މެޓް ގާލާއިން ފެނިގެންދިޔަ އިންޑިއާއަށް ނިސްބަތްވާ ތަރިންގެ ތެރޭގައި މަނިޝް މަލްހޯތުރާ، ކިއާރާ އަދްވާނީ އަދި ދިލްޖީތު ދޯސަންޖް ހިމެނެ އެވެ.