ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 103 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 58 މީހަކު ޕޮޒިޓިވްވިއިރު، 24 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 21 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 103 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 24،651 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 3،063 ގައި މިހާރު ހުރިއިރު 21،512 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑްގެ އަދަދުތައް މާލެ ސަރަހައްދުގައި މަދުވަމުން މިދަނީ މާލޭގެ ސާމްޕަލްތައް ޓެކްސްޓު ކުރުން މަދުވުމުންނެވެ. ސަބަބަކީ އަތޮޅު ތެރެއިން ގިނަ އަދަދެއްގެ ސާމްޕަލްތައް ކޮންމެ ދުވަހަކު ވެސް ޓެސްޓް ކުރަން ޖެހިފައިވާތީ އެވެ. މާލެ ފިޔަވައި މިހާރު ކޮވިޑް އެންމެ ބޮޑަށް ފެތުރިފައި ވަނީ ޅ. ފެލިވަރާއި ޅ. ނައިފަރުގެ އިތުރުން ކ. ތުލުސްދޫގަ އެވެ. އެ ރަށްތަކުން 100 އަށް ވުރެ ގިނަ ކޭސް މިހާތަނަށް ފެނިފައިވެ އެވެ.