ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ އެނިސްޓަންގެ ގެއަށް މިދިޔަ ހަފްތާގައި ވަންނަން މަސައްކަތްކުރި މީހާ ދިޔައީ ދެ އަހަރު ވަންދެން ޖެނިފާއަށް ފާރަލަމުން ކަން ހާމަވެއްޖެ އެވެ.
އެގޮތުން ފާއިތުވި ދެ އަހަރުތެރޭގައި އެކި ފަހަރުމަތިން އެ މީހާ ޖެނިފާއަށް ވޮއިސް މެއިލްކޮށް އަދި އީމެއިލްގެ ޒަރީއާއިން ވެސް ގުޅަން މަސައްކަތް ކޮށްފައިވާކަން ވަނީ އެނގިފަ އެވެ.
މިއާއެކު އެ ތުހުމަތު ކުރެވޭ މީހާގެ ނަފްސާނީ ހެލްތު ޗެކަޕްއެއް ހެދުމަށް ލޮސް އެންޖެލަސްގެ ކޯޓަކުން މިހާރު ވަނީ އަމުރު ނެރެފަ އެވެ.
މި އަމުރު ނެރެފައިވަނީ ޖެނިފާގެ ގެއަށް ކާރެއްގައި ވަންނަން އުޅެނިކޮށް އޭނާގެ ސެކިއުރިޓީ އޮފިސަރުން އޭނާ ހިފަހައްޓާފައިވާ ދަނޑިވަޅެއްގަ އެވެ.
މައްސަލައިގެ ޝަރީއަތަށް އެމީހާ ދިޔައިރު ނަފްސާނީ ބައްޔެއްގެ އަލާމާތްތައް ފެނުނު ކަމަށް ބުނެވެ އެވެ. އެގޮތުން އޭނާ އެ ޝަރީއަތަށް ދިޔައީ ހުސްގަޔާ ހުރެ ކެމެރާތަކަށް ހިނިތުން ވަމުންނެވެ.
ޖިމީ ވޭން ނަމަކަށް ކިޔާ 48 އަހަރުގެ އެމީހާ އަޑު އެހުމުގެ ތެރެއިން އެއްވެސް ވަރަކަށް ވާހަކަ ދައްކާފައި ނުވާއިރު އޭނާގެ ފަރާތުން ވާހަކަ ދެއްކީ އޭނާގެ ވަކީލެވެ.
މި މައްސަލައާއެކު ޖެނިފާގެ ރައްކާތެރިކަމާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެން ކަމުން އޭނާގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަ ކުރެވިފަ އެވެ.