މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު 21، ގެ ފުރާނައަށް ނުރައްކާ އެބައޮތް ކަމަށް ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ "ހަސަން ކުރުސީ" އެކައުންޓުން ބުނެފި އެވެ.
މި އެކައުންޓުން ޔުމްނުގެ އާއިލާއަށް އަމާޒުކޮށް ކުރި ޕޯސްޓެއްގައި ވަނީ ޔުމްނު ފުލުހުންގެ ބެލުމުގެ ދަށުގައި އެކަނި ނުބޭއްވުމަށް އިންޒާރުދީފަ އެވެ. އެ އެކައުންޓުން ބުނެފައިވަނީ ޔުމްނު ރާއްޖެއިން ބޭރަށް ދިޔުމަކީ "މާތްﷲގެ ރަޙުމަތުން" ވީ ކަމެއް ކަމަށެވެ. އަދި އިންޑިއާ އާއި ސްރީލަންކާއަކީ ސަރުކާރުގެ ގުޅުންތަކުގެ ސަބަބުން ރައްކާތެރި ތަންތަނެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން އައިޖީއެމްއެޗްގެ މުވައްޒަފަކު ވަޒީފާ ގެއްލުމުގެ ބިރަށް ވެސް ނުބަލައި މައުލޫމާތު ހާމަކުރަން ތައްޔާރަށް ހުރި ކަމަށް ވެސް މި އެކައުންޓުން ބުނެފައިވެ އެވެ. ޔުމްނުގެ މައްސަލައާ ގުޅިގެން މި އެކައުންޓުން ކުރިން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތައް ތެދުކަން ފާހަގަކުރެވެ އެވެ. އެގޮތުން މި އެކައުންޓުން ހާމަކޮށްފައިވާ ޝައްކުކުރެވޭ ބައެއް ފަރާތްތަކުގެ މައްސަލައިގައި ގުޅުމެއް ވާކަމަށް ފުލުހުން ފަހުން ބުނެފައިވާކަން ފާހަގަކުރެވެ އެވެ.
ޔުމްނުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އޭނާގެ ދައްތަ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި ވެއްޓުނު ވަގުތު އޭނާއާއެކު ބަޔަކު ތިބި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ މެދު ގިނަ ސުވާލުތަކެއް އުފެދި، ބައެއް ކަންކަން ފޮރުވާ ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ޒުވާނުން ސިލްސިލާކޮށް މުޒާހަރާ ކުރަމުންދެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާ އެކު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރިޓަޔާ ކުރައްވާފަ އެވެ. އަދި ފުލުހުންގެ ގިނަ ޑިޕާޓްމަންޓްތަކަށް ބަދަލުތަކެއް ވެސް ގެނެސްފައިވެ އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވަގުތީ ގޮތުން ހަމަޖައްސާފައި ވަނީ ޔުމްނުގެ ކޭސް ބެލުމާއި ހަވާލުވެގެން ހުރި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ.
ފުލުހުންގެ ތަހުގީގާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.