ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގެ ތަޖުރިބާކާރު ވިޔަފާރިވެރިޔާ މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ގެ މައްޗަށް މިރޭ ޣައިބަށް ކަށުނަމާދު ކުރަން ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސަން ލޭންޑް ނަޒީރު ގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށު ނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

އުމުރުން 66 އަހަރުގައި އޭނާ އަވަހާރަވީ އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ނަޒީރު، 1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އޭނާގެ އާއިލީ ޓްރެވަލް އެޖެންސީއެއް "ސަންލޭންޑް" ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ފެށި އެވެ.

މާކެޓިންގެ ދާއިރާއިން ވެސް ތަޖުރިބާކާރު، ސަންލޭންޑް ހޮޓެލްސްގެ "ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް"ގެ ޑިރެކްޓަރު ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރެވެ.