ޕޮލިސް ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ކޮމިޓީގައި ހިމެނިވަޑައިގަތް މެމްބަރު ސަފާ ޝަރީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ދެ މީހަކު އައްޔަންކުރަން ޖެހޭއިރު އެއް މެމްބަރަކު މަޖިލީހުން ކުރިންވަނީ އައްޔަންކޮށްފަ އެވެ.

މަޖިލީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ޖުމްލަ ހަ ފަރާތަކުން ނަން ހުށަހަޅާފައިވެ އެވެ. ނަން ހުށަހެޅި އެންމެހާ ބޭފުޅުންގެ އިންޓަވިއު ކުރެވިފައިވާކަމަށް މަޖިލީހުގެ ކޮމިޓީ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އަދި މަޖިލީހުގެ ތަޅުމަށް ސަފާގެ ނަން ފޮނުވުމަށް ކޮމިޓީން ފާސްކޮށްފައިވަނީ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަގުލަބިއްޔަތުންކަމަށް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ޕޮލިސް ބޯޑުގެ މެމްބަރަކަށް އައްޔަންކުރާ ސަފާގެ ނަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 34 މެމްބަރުންގެ ވޯޓުންނެވެ. އަދި މި ވޯޓުގައި ވަކިކޮޅަކަށް ވޯތު ނުދެއްވާ އެއް މެމްބަރަކު ހުންނެވި އެވެ.

މީގެކުރިން ޕޮލިސް ބޯޑުގެ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ އިސް މެމްބަރު ހާމިދު އަބްދުލް ޣަފޫރު އެވެ.

ޕޮލިސް ބޯޑުގެ މައި މައްސޫލިއްޔަތަކީ ކޮމިޝަނަ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އައްޔަންކުރުމުގައި މަގާމަށް އެކަށޭނަ ފަރާތެއް އައްޔަންކުރުމަށް ވަޒަންކުރަންޖެހޭ ކަންކަން ވަޒަންކުރުމާއި، އެކި ކަންކަމުގައި ލަފާދޭންޖެހޭ ފަރާތްތަކަށް ލަފާދިނުމެވެ.

ސަފާއަކީ ރައީސް ނަޝީދުގެ ކުރީގެ ގާނޫނީ ޓީމުގެ މެމްބަރަކަށްވުމުން، ޕޮލިސް ބޯޑަށް އޭނާ އައްޔަންކުރުމުން ގިނަ ބަޔެއްގެ ފާޑިކިޔުންވަނީ އެކަމަށް އަމާޒުވެފަ އެވެ.