އިންޓަނެޓުގައި ދައުރުވަމުންދާ ވީޑިއޯއަކާއެކު ބޮލީވުޑްގެ ތަރި ސަލްމާން ޚާންއަށް ފާޑުކިޔުުންތައް އަމާޒުވާން ފެށުމުން މުޅި އިންޓަނެޓު އޭނާގެ ދިފާއުގައި ނުކުމެއްޖެ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ އެ ވީޑިއޯގައި ފެންނަނީ މީގެ އަހަރުތަކެއް ކުރިން އޮތް ކޮންސެޓެއްގައި ސަލްމާން ހުށައެޅުމެއް ހުށައަޅައިދޭ މަންޒަރެވެ.
އެ ވީޑިއޯގައި ސަލްމާންގެ ހަށިގަނޑު ބިޔަކޮށް ހުރުމާއި ބަނޑު ނުކުމެފައި ހުރުމުން ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފުރައްސާރަކޮށް ފާޑުކިޔަމުންނެވެ.
އެހެން ނަމަވެސް ސަލްމާންގެ ސަޕޯޓަރުން ވަނީ އޭނާގެ ދިފާއުގައި އެ ފުރައްސާރައާއި ފާޑުކިޔުންތަކަށް ރައްދުދީފަ އެވެ. އެގޮތުން އޭނާއަކީ އުމުރުން 60 އަހަރު ވެފައިވާ މީހެއްކަން ފާހަގަކޮށް އޭނާ "ދޫކޮށްލުމަށް" އެމީހުން އަންނަނީ ބުނަމުންނެވެ.
އެއާއެކު ބަރުދަން އިތުރުވުމަކީ އުމުރުން ދުވަސްވުމުގެ ގުދުރަތީ ހިއްސާއެއް ކަމަށާއި މީގެ ތިރީހަކަށް އަހަރު ކުރިން އޭނާގެ 30ގެ އަހަރުތަކުގައި ސަލްމާން ހުރީ އެހެން ނޫންކަން ވެސް ގިނަ ބަޔަކު ފާހަގަކުރި އެވެ.
ސަލްމާންގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ތިން އަހަރުގެ މެދުކެނޑުމަކަށްފަހު "ސިކަންދަރު"އާއެކު ސަލްމާން އެނބުރި އައި ނަމަވެސް އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެކެވެ.