ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

މިއަދުގެ އަޑުއެހުމުގައި ޖިހާދުގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ ޖިހާދު ބޭނުންފުޅުވަނީ ފޮރިން މިނިސްޓްރީން ހަމަޖައްސާފައިވާ ހާއްސަ އުސޫލުގެ ދަށުން އެއްދުވަހުގެ މުއްދަތަށް ކަރަންޓީނު ވާންޖެހޭގޮތަށް ސްރީލަންކާއަށް ދަތުރު ކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ޖިހާދު ބޭސްފަރުވާއަށް ވަޑައިގަންނަވަން ބޭނުންވަނީ އެ އުސޫލުގެ ދަށުން ކަމަށެވެ.

ޖިހާދުގެ ފަރާތުންނާއި ދައުލަތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކުރައްވައި ގާޒީ ވިދާޅުވީ ހުށަހަޅާފައިވާ ޑޮކިއުމެންޓުތަކަށް ބަލާއިރު، ޖިހާދަކީ ބޭސްފަރުވާ ކުރަންޖެހޭ ފަރާތެއްކަން އެނގޭ ކަމަށެވެ. އެކަމަކު. ނަމަވެސް ބޭސްފަރުވާއަށް ފުރަން ބޭނުންވާ ކަމުގެ ސިޓީއެއް، ނުވަތަ އެ ނޫން ވެސް ކަމާ ގުޅުންހުރި ޑޮކިއުމެންޓެއް ޖިހާދުގެ ފަރާތުން ހުށަހަޅުއްވާފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޖިހާދު ކޯޓުގައި އެދިވަޑައިގަތީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހަށް ސްރީލަންކާއަށް ބޭސްފަރުވާއަށް ވަޑައިގަތުމަށެވެ. ގާޒީ މިއަދު ނިންމެވީ ފުރަން ހަމަޖެހިފައިވާ ތާރީޚް ފަހަނައަޅައި ގޮސްފައިވުމަކީ ވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދެވެން ނެތް ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މިއަދު އެ ހުއްދަ ނުދިން ނަމަވެސް ކުރިއަށް އޮތްތަނުގައި އެކަމަށް އެދޭ ސިޓީއާއެކު، ރިޒަވޭޝަން ޓިކެޓާއި ސަޕޯޓިން ޑޮކިއުމެންޓުތައް ހުށަހެޅުއްވުމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ދޭންޖެހޭ ކަމަށް ފެންނަނަމަ ކޯޓުން އެ ހުއްދަ ދޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހެދުމަށް 22 ނޮވެންބަރު ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވެ އެވެ. އެ ނިންމުމުގައި އޮތީ، މި މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރަން ނުޖެހޭ ގޮތަށާއި، އެ މަޝްރޫއުގެ ތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭނެ ކަމަށެވެ. ޖިހާދު، މިނިސްޓަ އޮފް ފިނޭންސްގެ މަގާމުގައި ހުރެ، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، ޖަނަވަރީ 13، 2013 . ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓްގެ ބަދަލުގައި، ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައި ވެ އެވެ.

ނަމަވެސް ޖިހާދު ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.