ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުގެ ލިސްޓުގެ ކުރީގައި މެލޭޝިއާގެ 50 ހޮސްޕިޓަލެއް ހިމެނިއްޖެ އެވެ.

މި ލިސްޓުގައި މެލޭޝިއާގެ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ކުރީގައި ކުއަލަމްޕޫރު ހޮސްޕިޓަލާއި ޕުތުރަޖަޔާ ހޮސްޕިޓަލް ހިމެނިފައިވާއިރު، ޕްރައިވެޓް ހޮސްޕިޓަލް ތަކުގެ ކެޓަގަރީގެ އެންމެ ކުރީގައި މެލޭޝިއާގެ ސަންވޭ މެޑިކަލް ސެންޓަރާއި ގްލެނީގަލްސް އަދި ސުބަންގް ޖަޔާ މެޑިކަލް ހޮސްޕިޓަލް ހިމެނެ އެވެ.

މި ކާމިޔާބީ އާ ގުޅިގެން މެލޭޝިއާގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކެފްލީ އަހުމަދު ވަނީ އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމުތަކުން 2,400 ހޮސްޕިޓަލްތައް ރޭންކު ކުރެވޭ "ވޯލްޑް ބެސްޓް ހޮސްޕިޓަލްސް ލިސްޓް" އަކީ ނިއުސްވީކް އިން ކޮންމެ އަހަރަކު ވެސް އެކުލަވާލާ ލިސްޓެކެވެ.

މި ލިސްޓުގައި މިފަހަރު އެންމެ ގިނައީ މެލޭޝިއާގެ ހޮސްޕިޓަލްތައް ނަމަވެސް، ލިސްޓުގެ ގަދަ ތިނެއްގައި މިއަހަރު ހިމެނުނީ އެމެރިކާގެ މެޔޯ ކްލިނިކާއި ކެނެޑާގެ ޓޮރޮންޓޯ ޖެނެރަލްގެ އިތުރުން ސްވީޑެން ގެ ކެރޮލިންސްކާ ޔުނިވާސިޓީ ހޮސްޕިޓަލެވެ.

މެލޭޝިއާގައި ކިޔެވުމަށާއި އެކި ބޭނުންތަކުގައި 4،000 އެއްހާ ދިވެހިން ދިރިއުޅޭ ކަމަށްވެ އެވެ.