ޣައްޒާގެ ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ގައްޒާ ހުސްކުރާނެ ކަމަށް އަނެއްކާވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޣައްޒާ ހުސްކޮށް ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދުން ބޭރުކުރާނެ ކަމަށް ޓްރަމްޕް ފުރަތަމަ ވިދާޅުވީ މިއަހަރު ފެބްރުއަރީ މަހު އެވެ. އެއާއެކު، މުޅި ދުނިޔެއިން އެކަން ކުށްވެރިކޮށް، އެއީ ނަސްލު ނައްތާލުން ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ގަތަރަށް ކުރި ދަތުރުގައި ބޭއްވި ވިޔަފާރީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އެ ސަރަހައްދުގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި އެތަނަކީ "ފްރީޑަމް ޒޯން" އަކަށް ހަދާނެ ކަމަށެވެ.

ހަމާސްގެ މައި އޮފީސް ހިންގާ ގަތަރުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ ޣައްޒާ ތަރައްގީކޮށް ފްރީޑަމް ޒޯނަކަށް ހެދުމަކީ ރަނގަޅުގޮތް ކަމަށާއި އެކަމުގައި އެމެރިކާ ބައިވެރިކުރަން ޖެހޭ ކަމަށެވެ.

"އެތަނުގައި އެއްވެސް އިމާރާތެއް ނެތް. ސަލާމަތްކުރާނެ އެއްވެސް ތަނެއް ނެތް. މީހުން ދިރިއުޅެމުން ދަނީ ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި. އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެމެރިކާ އަށް އެތަން ލިބިއްޖެ ނަމަ އެއީ ވަރަށް ބޮޑު ފަހުރެއް،" ޓްރަމްޕް ވިދާޅުވި އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް މެދުކެނޑުމެއްނެތި ޔަހޫދީން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އެސަރަހައްދުގެ 2.3 މިލިއަން މީހުންގެ ގެދޮރު ގެއްލި، 53،000 މީހުން ވަނީ ޝަހީދުވެފަ އެވެ.