ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ތ. ވިލުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ވިލުފުށީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރޯގާގެ އަލާމާތްތަކެއް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޓެސްޓް ކުރިއިރު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެމީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން އެންގީ މިއަދު އެވެ.

"މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށްޓަކައި ވިލުފުށި މިވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހާ ދިރިއުޅޭގެއަށް ވަދެ ނުކުމެ ހެދުން މިހާރު ވަނީ މަނާކޮށްފައި ކަމަށް ވެސް ވިލުފުށީ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ކޮވިޑްގެ ކޭސްއެއް ފެނުމާ ގުޅިގެން ވިލުފުށީ ކައުންސިލުން އަންނަނީ ރައްކާތެރި ކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކެފޭ، ރެސްޓޯރަންޓުތައް ބަންދު ކުރަން ރަށު ކައުންސިލުން ވަނީ އަންގާފަ އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްވެސް ބޭފުޅަކު ގެއިން ބޭރަށް ނުނިކުންނަވާށޭ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚާއްސަ އިސްކަމެއް ދެއްވާށޭ،" ވިލުފުށީ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ފަހަކަށް އައިސް އަތޮޅު ތެރޭގެ ގިނަ ރަށްތަކަށް ކޮވިޑް އަންނަނީ ފެތުރެމުންނެވެ. ވެރިރަށް މާލެއިން އަތޮޅު ތެރެއަށް ބަލި ފެތުރެމުން ދިޔަނަމަވެސް ކޮވިޑާ ގުޅިގެން މާލޭގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަނީ ލުއިދީފަ އެވެ.