ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ އެތަނުން ދޫކޮށްފައިވާ ގޯތިތައް އަވަހަށް ހަވާލުކުރަން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު މިރޭ ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ގުޅިފަޅުން ގޯތި ލިބުނު އެންމެނަށް ގޯއްޗާއި ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާކުރެވިފައިވާ ކަމަށެވެ.
"މާތްالله ގެ އިރާދަފުޅާއެކު މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފެށޭނެއެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ޙަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ޙަވާލު ކުރެވޭނެއެވެ. މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެކެވެ،" މުއްތަލިބު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ވަނީ ގުޅިފަޅުން 1000އަށް ވުރެ ގިނަ ގޯތި ދޫކޮށްފަ އެވެ. މިނިސްޓަރު މުއްތަލިބު މީގެކުރިން ވިދާޅުވީ މިދިޔަ ސަރުކާރުން އެކުލަވާލި ލޭންޑް ޔޫސް ޕްލޭން ބަދަލުކުރީ އެ ޕްލޭން އެކުވަލާލީ އެންމެ ފައިދާހުރި ގޮތަށް ނުވާތީ ކަމަށެވެ.