އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތިން ވަނަ ފިޔަވަހީގެ އެގްރިމެންޓުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ޖީ ބަލަސުބްރަމަނިއަމް އެވެ.

އާރްޓީއެލްގެ ލޯންޗުތައް ބަންނާނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީން އަންނަނީ މަޝްވަރާކުރަމުންނެވެ.

ސަރުކާރުން އަންނަނީ އަންނަ މަހު ރ. އަތޮޅުގައި އަދި ޖޫން މަހު ބ. އަތޮޅުގައި އާރުޓީއެލް ފެށުމަށް ތައްޔާރުވަމުންނެވެ.

އެކަމަށް ބޭނުންވާ ފެރީތައް އަލްޝާލީ އަދި ގަލްފް ކްރާފްޓުން މިހާރު އަންނަނީ ބަންނަމުންނެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ނުވަ އަތޮޅުގެ 81 ރަށް އާރްޓީއެލްގެ ފެރީން ވަނީ ގުޅާލާފަ އެވެ. އެ އަތޮޅުތަކަށް ހިދުމަތް ދޭން ބޭނުންކުރަނީ އަލްޝާލީގެ 10 އަދި ގަލްފް ކްރާފްޓުގެ 17 ލޯންޗެވެ.

އެމްޑީޕީ ވެރިކަމުގައި ވަނީ މުޅި ރާއްޖޭގައި އާރްޓީއެލްގެ ހިދުމަތް ފަށާނެ ޓައިމްލައިންތަކެއް ކަނޑައަޅާފައެވެ.