ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ލީބިޔާ އަށް ބަދަލުކުރުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތައް ލީބިޔާގައި ހުންނަ އެމެރިކާގެ އެމްބަސީން ދޮގުކޮށްފި އެވެ.

ޓްރަމްޕްގެ ސަރުކާރުން ޣައްޒާގައި ދިރިއުޅޭ އެއް މިލިއަން ރައްޔިތުން ލީބިޔާއަށް ބަދަލުކުރަން ނިންމާފައިވާކަމަށް އެންބީސީއިން ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ރިޕޯޓުގައި ވަނީ މިކަމުގެ މައުލޫމާތު ލިބިފައިވާ 5 މީހަކާއި އެމެރިކާގެ ކުރީގެ އޮފިޝަލަކާ ވެސް ހަވާލާދީފަ އެވެ.

އެހެންނަމަވެސް ލީބިޔާގައި ހުންނަ އެމެރިކާގެ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިކަން ދޮގުކޮށްފަ އެވެ.

އެމެރިކާގެ އެމްބަސީން މިހެން ބުނި ނަމަވެސް އެމެރިކާގެ ރައީސް ކަމާ ހަވާލުވުމަށްފަހު ޓްރަމްޕް ވަނީ މިސްރާއި އުރުދުންއަށް ޣައްޒާގެ ރައްޔިތުން ބަދަލުކުރުމަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް މި ދެ ގައުމުން ވެސް ވަނީ މި ހުށަހެޅުމާ ދެކޮޅު ހަދާފަ އެވެ. އަދި ދުނިޔެއިން މިކަން ކުށްވެރިކޮށް މިއީ ނަސްލެއް ނައްތާލުންކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޚުދު ޣައްޒާގެ ރައްޔިތުންގެ އެމީހުންގެ ބިން ދޫކޮށްދާން ބޭނުންނުވާކަމަށް ބުނެފައިވާއިރު، ޓްރަމްޕް އަންނަނީ ތަކުރާރުކޮށް ޣައްޒާ ހުސްކޮށް އެތަނުގައި "ފްރީޑަމް ޒޯން" އެއް ގާއިމުކުރުމުގެ ވާހަކަތައް ދައްކަމުންނެވެ.