ޣައްޒާގައި މިހާރު އިޒްރޭލުން ފުޅާކޮށްފައިވާ ގަތުލުއާއްމު ހުއްޓާނުލައިފިނަމަ އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތާއި ފްރާންސާއި ކެނެޑާއިން ދީފި އެވެ.
މި ތިން ގައުމުގެ ލީޑަރުން ބުނީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމު ނުހުއްޓައިފިނަމަ، އަދި ޣައްޒާއަށް އެހީ ވެއްދުން މަނާކުރާނަމަ އެ ގައުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ތިން ގައުމުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އިޒްރޭލުން ހުރަސް އެޅުމަކީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާއި ހިލާފުވުން ކަމަށާއި ނަތަންޔާހޫގެ ސަރުކާރުން މިހާރު ޣައްޒާގައި ކުރިއަށް ގެންދާ ލާއިންސާނީ ހަމަލާތައް ބަލަން ނުތިބޭނެ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިމުގައި ގަދަކަމުން ވެރިވެގަތުން ހުއްޓަން ޖެހޭ ކަމަށާއި، މިފަދައިން އަމަލު ނުކޮށްފިނަމަ އެކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް އެ ތިން ގައުމުން ވަނީ ދީފަ އެވެ. އިނގިރޭސިވިލާތަކީ އިޒްރާލުން ޣައްޒާގައި ހިނގާ ގަތުލުއާއްމަށް މީގެ ކުރިން އެހީތެރިވެދިން ގައުމެކެވެ.
އިޒްރޭލުގެ ޔަހޫދީ ސިފައިން މިދިޔަ ހަފްތާގައި ޣައްޒާގެ އުތުރަށާއި ދެކުނަށް ވަދެ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހިންގަމުން އަންނަ އުދުވާން ވަނީ ފުޅާކޮށްފަ އެވެ. މި އުދުވާން ފުޅާކުރުމުގެ ދުވަސްތަކެއް ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް ވައިގެ ހަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދުކޮށްލާފަ އެވެ.
ޣައްޒާއަށް މިދިޔަ ބުރާސްފަތި ދުވަހު ޔަހޫދީންގެ ފައުޖު ގަދަކަމުން ވަތްފަހުން މިހާތަނަށް 400 މީހުން ޝަހީދުވެފައިވާއިރު 1،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. މިއާއިއެކު ގަތުލުއާއްމު ފެށީއްސުރެ މިއަދާ ހަމައަށް ޝަހީދުވި މީހުންގެ އަދަދު 53,000 އަށް އަރަ އެވެ.