މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު، މ.މުލީގައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު، މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު އެކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.
މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ތަރައްގީކޮށްފައިވާއިރު، ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖާ ޓާމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފަ އެވެ.
މި އެއާޕޯޓުގެ މަސައްކަތް ނިންމާ ރީޖަނަލް އެއާޕޯޓްސް ކުންފުނިން ޓެސްޓު ފްލައިޓް ޖެއްސީ އޭޕްރީލް 25 ގައި އެވެ.
މުލީ އެއާޕޯޓާއި މާލެއާ ދެމެދު ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް މިމަހު 24 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ދަތުރަކަށް ހޭދަވާނީ ގާތްގަނޑަކަށް 35 މިނިޓެވެ. ދަތުރުތައް މުލީ އެއާޕޯޓަށް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރު ދުވަހު ކަމަށާއި މި ރޫޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް މޯލްޑިވިއަންގެ ޕްރީމިއަމް އިކޮނޮމީގެ ހިދުމަތް ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މިއީ 28 ފެބްރުއަރީ 2021 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ ކުންފުންޏާ މަސައްކަތް 212 މިލިއަން ރުފިޔާއަށް ހަވާލުކުރި ނަމަވެސް ޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމަށްފަހު އޭގެ ފަހުން މުޅި ޕްރޮޖެކްޓަށް 225 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.