ނޭހާ ކައްކަރު އާއި ޓޮނީ ކައްކަރު ފަދަ ތަރިން ހިމެނޭ އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި މަޝްހޫރު އާއިލާއެއް ކަމަށްވާ ކައްކަރު އާއިލާ އެންމެ ފަހުން ސުލްހަވެއްޖެ އެވެ.

ތިން ބެއިންގެ މައްޗަށް އެކުލެވޭ އެ އާއިލާ ސުލްހަވެފައިވަނީ މިދިޔަ އޭޕްރީލް މަހު އެ އާއިލާގެ އެންމެ ދޮށްޓަށް ހުންނަ ސޯނޫ ކައްކަރު އޭނާގެ ކޮއްކޮމެން ކަމަށްވާ ނޭހާއާއި ޓޮނީއާ ގުޅުން ކަނޑާލި ކަމަށް ބުނެފައި އޮއްވަ އެވެ.

ސޯނޫ އޭނާގެ އާއިލާއާ ގުޅުން ކަނޑާލި ވަކި ސަބަބެއް ބުނެފައި ނުވި ނަމަވެސް ހަބަރުތައް ބުނާ ގޮތުގައި އެ ތިން ބެއިންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ވަނީ ހިނގާފަ އެވެ.

އެހެން ނަމަވެސް އެކަމަށް މަހެއްހާ ދުވަސް ފަހުން އެމީހުން ވަނީ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް އާއިލާއެއްގެ ގޮތުގައި ފެނިގެން ގޮސްފަ އެވެ.

މައިންބަފައިންގެ ކައިވެނީގެ 41 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯނޫ އޭނާގެ ކޮއްކޮމެންނާއެކު ނަގާފައިވާ ފޮޓޯއެއް ދައުރުވަމުން ދާއިރު އެ އާއިލާގެ މެދުގައި އެއްވެސް މައްސަލައެއް އުޅޭކަމަކަށް ނުފެނެ އެވެ.

އެއާއެކު ސޯނޫ ވެސް ވަނީ އެ ފޮޓޯ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް އާއިލީ ގުޅުންތަކާއި ލޯތްބާ ބެހޭގޮތުން ޕޯސްޓެއް ކޮށްފަ އެވެ.

ނޭހާއާއި ޓޯނީއަކީ ހިންދީ މިއުޒިކްގެ ދާއިރާގައި ވަރަށް މަޝްހޫރު ދެ ފަންނާނުންނެވެ. ސޯނޫއަކީ ވެސް މަދުމަދުން ނަމަވެސް ލަވަކިޔާ ފަންނާނެކެވެ.