ބޮލީވުޑްގެ ކޮމެޑީ ފިލްމް ފްރެންޗައިޒް "ހޭރާ ފޭރީ"ގެ ތިންވަނަ ފިލްމުގެ ލީޑު ތަރިއެއް ކަމަށްވާ ޕަރޭޝް ރާވަލް ކުއްލި ގޮތަކަށް އެ ފިލްމު ދޫކޮށްލަން ނިންމުމުން ފިލްމުގެ ޕްރޮޑިއުސްކުރާ އަކްޝޭ ކުމާރުގެ ގާނޫނީ ޓީމުން ޕަރޭޝްއާ ދެކޮޅަށް ކޯޯޓަށް ގޮސްފި އެވެ.

އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި އަކްޝޭގެ ޕްރޮޑަކްޝަން ހައުސް "ކޭޕް އޮފް ގުޑް ފިލްމްސް"އިން ޕަރޭޝްއާ ދެކޮޅަށް މައްސަލަ ހުށައަޅާފައިވަނީ ސަބަބަކާނުލާ ފިލްމު ދޫކޮށްލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެ ކުންފުނީގެ އޮފިޝަލަކު ބުނީ އެ ފިލްމަށް ސޮއިކުރުމަށްފަހު 11 ކްރޯޑް ރުޕީސްގެ އަގެއް ޕަރޭޝް ނެގި ކަމަށާއި އެހެން ކަމުން ގެއްލުމުގެ ބަދަލުގައި 25 ކްރޯޑް ހޯދަން ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ކުއްލި ގޮތަކަށް ޕަރޭޝް އެ ފިލްމު ދޫކޮށްލާފައިވާއިރު އޭނާ އެ ފިލްމުން ވަކިވާން މެދުވެރިވީ އުޖޫރައިގެ ކަމެއްގައި ކަމަށް ހަބަރުތައް ފެތުރުނު ނަމަވެސް ޕަރޭޝް ވަނީ އެކަން ދޮގުކޮށް އެ ފިލްމު ދޫކޮށްލީ މިވަގުތު އެކަން ކުރަން ބޭނުން ނުވާތީ ކަމަށް ބުނެފަ އެވެ.

"ހޭރާ ފޭރީ"ގެ ކުރީގެ ދެ ފިލްމުގައި ވެސް "ބާބޫ ރާއޯ"ގެ ރޯލުން ޕަރޭޝް ފެނުނުއިރު ތިންވަނަ ފިލްމުގައި ވެސް އޭނާގެ ފެނިލުމަކަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.

އެގޮތުން އެ ފްރެންޗައިޒްގެ ލީޑު އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝްގެ ޓީމަކީ ހެއްވާ މަޖާ ޓީމެއް ކަމުން އެ އެންމެން އެކުގައި ފެންނާނެ ކަމަށް އާއްމުން އިންތިޒާރުކުރި އެވެ.

ޕަރޭޝްއާ ނުލާ "ހޭރާ ފޭރީ 3"ގެ ފުރުސަތެއް ނެތް ކަމަށް ސުނިލް ބުނެފައިވާއިރު މިވަގުތު އެ ފިލްމުގެ ކުރިމަގު އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.