އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ އެންމެ ފަހުގެ ޓްވީޓްތަކާއެކު އޭނާއަށް ސަޕޯޓުކުރާ މީހުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކާންޔޭގެ އެކްސް އެކައުންޓް މެދުވެރިކޮށް ކުރި ޓްވީޓްތަކެއްގައި އޭނާ ވަނީ ޔަހޫދީންނަށް ނަފްރަތު ކުރުން ހުއްޓާލި ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފަ އެވެ.
"އެންޓި ސެމިޓިޒަމްގެ ޚިޔާލުތައް އަހަރެން ދޫކޮށްލައިފިން. އަހަރުމެންނަށް އަންގަވާފައި އޮތީ ސުލްހަވާން" ކާންޔޭގެ އެއް ޓްވީޓުގައިވެ އެވެ.
އެއާއެކު މީގެ ކުރިން ޔަހޫދީންނާ ދެކޮޅަށް އޭނާ ކޮށްފައިވާ ޓްވީޓްތަކަށް ހިތުގެ އަޑިން މައާފަށް އެދޭ ކަމަށާއި އެކަންކަން ރަނގަޅު ކުރަން ބޭނުންވާ ކަމަށް ވެސް ކާންޔޭ ބުނެފައިވެ އެވެ.
މި ޕޯސްޓުތައް ކާންޔޭ ކޮށްފައިވަނީ ޔަހޫދީންނާ ދެކޮޅު ލީޑަރެއް ކަމަށްވާ އެޑޮލްފް ހިޓްލަރުއަށް ތާއީދުކޮށް އޭނާ ދެއްކި ވާހަކަތަކެއްގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ކާންޔޭގެ މި ޓްވީޓްތަކާއެކު އޭނާއަށް ކުއްލި ބަދަލެއް އައީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު ކުރަމުންދާއިރު ބައެއް މީހުން ވަނީ އޭނާގެ ނަފްސާނީ ސިއްހަތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މައްސަލައިގެ އިތުރުން ވެސް ކާންޔޭއާއި އޭނާގެ އަންހެނުން ބިއަންކާ ސެންސޮރީއާ ދެމެދު ޖެހިފައިވާ މައްސަލައަކީ ވެސް މީޑިއާގެ ސަމާލުކަން ހޯދާ ކަމެކެވެ.