މިހާރު މާލެ އާއި އަތޮޅުތަކުގައި ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރަމުންދަނީ އިންފުލުއެންޒާއި ކޮވިޑް 19ގެ ކޭސްތައް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ރިޕޯޓްކޮށްފައިވާ އާންމު ބަލިތަކުގެ ތަފާސްހިސާބުތައް އާއްމުކޮށްފަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 6 ވަނަ ދުވަހުން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް އަރިދަފުސް ރޯގާ ޖެހިގެން 43،882 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައި ވަނީ 36،047 ކޭސް އެވެ.

އިންފްލުއެންޒާގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ މި މުއްދަތުގައި 254 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު ރިޕޯޓްކޮށްފައިވަނީ 50 ކޭސް އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮވިޑް ޖެހިގެން 38 ކޭސް ރިޕޯޓް ކުރިއިިރު މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ރިޕޯޓްކޮށްފައިވަނީ 37 ކޭސް އެވެ.

ޑެންގީގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ މިއަހަރު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދެވެ. މިއަހަރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ، ކ އަދި އއ އަތޮޅުންނެވެ.

އެޗްޕީއޭއިން ބުނީ މި ދުވަސްވަރު ޑެންގީ ހުންޖެހިގެން ރިޕޯޓްކުރާ މިންވަރު ދަށްވި ނަމަވެސް ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި ކޮވިޑާއި އިންފުލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށާއި އެހެންކަމުން ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.