ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންނަށް އެއް ފުރުސަތު ދިނުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން އިލެކްޓްރޯނިކް ޓެގު އަޅުވާފައި ދޫކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ވަނީ ފަށާފައި ކަމަށެވެ.

މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ބުނީ އަލަށް އެކުލަވާލީ ލުއިދިނުމުގެ ނިޒާމުގެ ދަށުން ދޫކޮށްލާ މީހުން ކަނޑައަޅާނީ ފުލުހުންނާއި ކަރެކްޝަންސް އިން ހަދާ ހާއްސަ އެސެސްމަންޓަކަށް ބެލުމަށްފަހު ކަމަށެވެ.

އެ އެސެސްމަންޓުގައި ބަލާނީ އެ މީހުން ދޫކޮށްލުމުން މުޖުތަމައަށް އޮތް ނުރައްކަލަކީ ކޮބައިތޯ ކަމަށް އެ އޮފީހުން ބުންޏެވެ. އެ އެސެސްމަންޓުގައި ބަންދުން ދޫކޮށްލާ މީހުން މޮނީޓާ ކުރަން ފެންނަ މިންވަރު ބަޔާންކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޓެގު އަޅުވާފައި ބަންދަށް ލުއި ދޭނީ، ބަންދަށް ލުއި ދޭން ފެންނަ ހާލަތްތަކުގައި، ބަންދު މުރާޖައާކުރަން ކޯޓަށް ހުށަހަޅައިގެންނެވެ. މި ލުއި ދޭން ނިންމާފައި ވަނީ ގިނަ ވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގަ އެވެ.