ވޮޝިންޓަން (މޭ 30) - ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު 60 ދުވަހަށް މެދުކަނޑާލަން އެއްބަސްވެފައިވާކަމަށް އެމެރިކާއިން ބުނެފި އެވެ.
މި އެއްބަސްވުމުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 28 ޔަހޫދީން ފުރަތަމަ ހަފްތާގައި ދޫކޮށްލައި، އިޒްރޭލުން ހައްޔަރުކުރި ފަލަސްތީނުގެ 1,236 ގައިދީންނާއި 180 ޝަހީދުވެފައިވާ މީހުންގެ ހަށިތައް ޣައްޒާ އަށް ފޮނުވުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
އެމެރިކާ އާއި ގަތަރުން މެދުވެރިވެގެން އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ޣައްޒާ އަށް އެހީ ވައްދަން ހުރަސްއަޅައިގެން ނުވާނެ އެވެ. މި އެހީ ފޯރުކޮށްދޭނީ އދ. އާއި ރެޑް ކްރެސެންޓާއި އެއްބަސްވެފައިވާ އިތުރު ޖަމިއްޔާތަކާ ގުޅިގެންނެވެ.
މި އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު ޔަހޫދީ ފައުޖުން ޣައްޒާގައި ދެމުން އަންނަ ލާއިންސާނީ ހަމަލާތައް ވެސް ހުއްޓާލަން ޖެހޭނެ އެވެ.
މިކަންކަަމަށް އިޒްރޭލުން އެއްބަސްވާކަން އެމެރިކާގެ ވައިޓް ހައުސް އިން ބުނެފައިވާއިރު، އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ ބޮޑުވަޒީރު، އަނިޔާވެރި ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ މި އެއްބަސްވުން ބަލައިގެންފައިވާކަން ހާމަކޮށްފަ އެވެ.
މިކަމާ ގުޅިގެން ހަމާސުން ބުނީ މި އެއްބަސްވުމުގައިވާ ކަންކަން އެޖަމާއަތުން ބަލަމުން އަންނަ ކަމަށެވެ.
ޔަހޫދީން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންއަންނަ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 54,000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާއިރު، އެހީ ވެއްދުމަށް އެމީހުން އަޅަމުންގެންދާ ހުރަސްތަކުގެ ސަބަބުން އެތައް ބަޔަކު ދަނީ ބަނޑުހައިހޫނުކަމުގެ ވޭން ތަހައްމަލު ކުރަމުންނެވެ.