ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އަމީރެއްކަމަށް ބުނެ ރައީސް އޮފީހުން ޝާއިއުކުރި ހަބަރާއި ފޮޓޯ ސައުދީ ސަރުކާރުން އަންގައިގެން ނަގައިފި އެވެ.

މިދިޔަ މަހު ރާއްޖޭގައި ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އިންވެސްޓް ކުރެއްވުމަށް ކަމަށް ބުނެ ރާއްޖެ އައިސްފައިވާ ސައުދީގެ އާންމު ރައްޔިތަކާއި ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވާ ވަނީ ފޮޓޯ ނަންގަވައި، އަމީރާއި ބައްދަލު ކުރެއްވި ކަމަށްބުނެ ރައީސް އޮފީހުގެ ވެބްސައިޓްގައި ހަބަރު ޝާއިއުކޮށްފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި، ރައީސް މުއިއްޒު އާ ބައްދަލުކުރެއްވި ފަރާތް ކަމަށް ބުނެފައިވަނީ "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން" އެވެ. ނަމަވެސް އޭރުވެސް ގިނަ ބަޔަކު ދިޔައީ އެއީ ސައުދީ ޝާހީ އާއިލާ މެންބަރެއް ނޫންކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ފާޑުކިޔުންތަކާއެކުވެސް އެ ފޮޓޯތަކާއި ހަބަރު ރައީސް އޮފީހުން އޭރު ނަގާފައިނުވާއިރު، އެކަމާއި ގުޅިގެން ވަކިއެއްޗެއް ބުނެފައިނުވެ އެވެ. ނަމަވެސް މިހާރު އެ ހަބަރު ނަގާފައިވަނީ ސައުދީ ސަރުކާރުން އެ ހަބަރު ނެގުމަށް ރާއްޖެއަށް ރަސްމީކޮށް އެންގުމުން ކަމަށް "ހުރިހާ" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ހަގީގަތް ނުބަލައި މިފަދަ ބޮޑެތި މުއާމަލާތްތަކާއި އެކު، ގޮތް ނޭނގޭ މީހުން ގެނެސް ރާއްޖޭގެ އަގުވައްޓާލިކަމަށް ބުނެ ގިނަ ބަޔަކު އޭރު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ސަރުކާރަށް އެވަރުގެ އޮޅުވާލުމެއްގައި ޖެހުމަކީ އިސްވެރިންގެ ނާގާބިލުކަން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.