ފޮރިން މިނިސްޓްރީން ބާއްވާ ރަސްމިއްޔާތުތަކުގައި މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ހޯދައިގެން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިންޑިއާއިން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ބައިވެރިވެވަޑައިގެންނެވީ، ދާދި ފަހުން، ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުފުޅަށް ފަހު، 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަނުކޮށް ކަމަށް މީޑިއާގައި ވަނީ އަޑު ފެތުރިފަ އެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން، ރާއްޖެ އިން ބޭރުން އަންނަ ދިވެހިން 14 ދުވަސް ވަންދެން ކަރަންޓީންގައި ހުންނަން ޖެހޭނެ އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އިއްޔެގެ ރަސްމިއްޔާތުގައި ޝާހިދު ބައިވެރިވެވަޑައިގެންނެވީ އެޗްޕީއޭގެ ހުއްދައެއްގެ ދަށުން ކަމަށެވެ. އަދި އެ ހުއްދައާ އެކު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ބައްދަލުވުންތަކުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.