ހޮލީވުޑްގެ ތަރި ބްލޭކް ލައިވްލީ އޭނާއާ އެކުގައި މަސައްކަތްކުރި ޖަސްޓިން ބެލްޑޯނީގެ މައްޗަށް ކޮށްފައިވާ ނަފްސާނީ ގެއްލުން ދިނުމުގެ ދައުވާ އަނބުރާ ގެންގޮސްފާނެ ކަމަށް ބުނެފި އެވެ.

ޖަސްޓިންގެ ވަކީލުން ބުނެފައިވަނީ ޖަސްޓިންގެ މައްޗަށް ބްލޭކް ކޮށްފައިވާ ނަފްސާނީ ގެއްލުން ދިނުމުގެ ދައުވާ އަނބުރާ ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ބްލޭކްގެ މެޑިކަލް ރިޕޯޓުތައް ހިއްސާކުރަން ބޭނުން ނުވާތީ އެ ދައުވާ އަނބުރާ ގެންގޮސްފާނެ ކަމަށް ބުނެ ބްލޭކްގެ ގާނޫނީ ޓީމުން ސިޓީއެއް ފޮނުވާފައިވާ ކަމަށް ޖަސްޓިންގެ ވަކީލުން ބުންޏެވެ.

ޖަސްޓިންގެ ވަކީލުން އިތުރަށް ބުނީ ބްލޭކްގެ ސިއްހީ ރެކޯޑްތައް ހޯދަން އެދިފައިވީ ނަމަވެސް މިހާތަނަށް އެކަން ވާގޮތް ވެފައިނުވާ ކަމަށެވެ.

އެގޮތުން ދައުވާ އަނބުރާ ހުށައެޅޭ ގޮތަށް ބްލޭކްގެ ޓީމުން އެ ދައުވާ އަނބުރާ ގެންދަން ވިސްނާއިރު ޖަސްޓިންގެ ވަކީލުން ބޭނުންވަނީ އަލުން ދައުވާ ނުކުރެވޭ ގޮތަށް ދައުވާ ގެންދިއުމަށެވެ.

"އިޓް އެންޑްސް ވިތު އަސް"ގައި އެކުގައި ފެނިގެންދިޔަ ބްލޭކްއާއި ޖަސްޓިން އަންނަނީ އެކަކު އަނެކަކަށް ގިނަ ދައުވާތަކެއް ކުރަމުންނެވެ. އެގޮތުން ބްލޭކް ކުރި ޖިންސީ ފުރައްސާރައިގެ ދައުވާގެ ރައްދުގައި ޖަސްޓިން ވަނީ އަބުރުގެ ދައުވާ ކޮށްފަ އެވެ.