ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ޚާނުންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. އޭނާއަކީ ބޮލީވުޑްގައި އުޅޭ މުސްލިމް ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކްޓަރެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޝާހްރުކް ޚާން ވަނީ އޭނާގެ ދީނާއި ހައްޖަށް ދިއުމަށް އޮތް "ޕްލޭން"އާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ޝާހްރުކް ޚާން ބުނީ ހައްޖަށް ދިއުމަކީ ގައިމުވެސް އޭނާގެ އެޖެންޑާގައި އޮތް ކަމެއް ކަމަށާއި ހައްޖަށް ދާން ބޭނުންވަނީ އޭނާގެ ދެ ދަރިން ކަމަށްވާ އާރްޔަންއާއި ސުހާނާއާ އެކުގައި ކަމަށެވެ.

މީގެ ކުރިން އުމްރާގެ އަޅުކަން ވެސް އަދާކޮށްފައިވާ ޝާހްރުކް ޚާން ވަނީ ހައްޖަށް ދިއުމަކީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު އެއް ހުވަފެން ކަމަށް ވެސް ބުނެފަ އެވެ.

މުސްލިމް އާއިލާއަކަށް އުފަންވެ މުސްލިމެއްގެ ގޮތުގައި އުޅެ ބޮޑުވި ޝާހްރުކް ޚާން ކައިވެނިކުރީ ހިންދޫ ދީނަށް އަޅުކަން ކުރާ ގައުރީ ޚާންއާ އެވެ.

އޭނާގެ ދީނީ ގަބޫލު ކުރުންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝާހްރުކް ޚާން ބުނީ އޭނާއަކީ މުސްލިމެއް ކަމަށާއި އެހެން ނަމަވެސް ހުރިހާ ދީންތަކަށް އޭނާ އިހުތިރާމްކުރާ ކަމަށެވެ.

އެގޮތުން އޭނާގެ ދަރިންނަށް ވެސް ނަމާދު ކުރުން ފަދަ އިސްލާމް ދީނުގެ ކަންކަން އުނގަންނައިދީފައިވާ ކަމަށް ޝާހްރުކް ޚާން ބުންޏެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޝާހްރުކް ޚާން އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ދަރިފުޅު ސުހާނާއާއެކު ފިލްމު "ކިންގް" އިންނެވެ.