ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ހައިކޯޓުގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބެއްލެވި ފަޑިޔާރުންގެ އިއްތިފާގުން ވަނީ އެ މައްސަލައަކީ ކްރިމިނަލް ކޯޓުން ބެލި ބެލުމުގައި އިބްތިދާއީ އަޑުއެހުމުން ފެށިގެން އަލުން ބަލަންޖެހޭ ހަތް ދައުވާކަމަށް ކަނޑައަޅައި އިސްތިއުނާފީ މިމައްސަލަތައް ނިމެންދެން 15 ދުވަހުގެ މުއްދަތަށް ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ރިމާޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދި ކޯޓުތަކުގެ ގާނޫނުގެ ދަށުން ހަތް ދައުވާ އަލުން ކްރިމިނަލް ކޯޓަށް ތަހުލީލުކުރުމަށް ވެސް ހުމްކުމުގައި ބުނެފައިވެ އެވެ.

"އެއްބަސްވުމުގެ ސައްހަކަން ކަނޑައެޅުމުގެ މަސައްކަަތް ކުރިއަށް ގެންގޮސްފައިވޭ. އެއީ ޕްރޮސެކިއުޝަނުން ނުވަތަ އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ނުލައި. އެހެންކަމުން އެ އިޖްރައާތަކީ ޖިނާއީ އިޖްރައާތުގެ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދެވުނު އިޖްރައާތެއް ނޫން،" ހުކުމުގައިވެ އެވެ.

އިއުތިރާފްގެ އެއްބަސްވުން ސައްހަ ވިޔަސް އަދި ނުވިޔަސް، އެއްބަސްވުން ދޫކޮށްލުމުގެ ހައްގު ދައުވާލިބޭ މީހާ އަށް އޮންނަކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެފަދަ އެއްބަސްވުމެއް ހެދި ސަބަބާ ބެހޭގޮތުން ސުވާލުކޮށް ކޯޓުގެ ވަގުތުތަކެއް ހޭދަކުރުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ އިތުރު ތަހުގީގުތަކެއް ކޯޓުތަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.

"އެއްބަސްވުން ބިނާކުރި އަސާސް ދެނެގަތުމަށް ހެއްކާއި ދަލީލް ހުށަހަޅައި، ދެ ފަރާތަށް ބަހުސްކުރަން ފުރުސަތު ދީ، އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިޔަ ގާޒީ އެކަމަށް ވަގުުތުތަކެއް ހޭދަ ކުރުމަކީ ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ގާނޫނީ ގޮތުން ބަހުސް ކުރުމެއް، ބޭނުމެއް ނެތް ކަމެއްގައި ކުރެވޭ ބޭކާރު ބަހުސެއް." ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. މިއަދުގެ އަޑުއެހުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.

އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގައި ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ މިމަހުގެ 15ވަނަ ދުވަހު ނިންމާލާފަ އެވެ.

އަދީބުގެ މައްޗަށް އުފުލި އެ ދައުވާތަކަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

އެ ދައުވާތައް އުފުލީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގުން ފާހަގަވި ކަންތައްތަކާ ގުޅިގެންނެވެ.

އަދިބުގެ މައްސަލަތައް ބޭރުކޮށްލި ގާޒީ އިސްމާއީލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. ނަމަވެސް އޭނާގެ ސަސްޕެންޝަން ހަމަވުމުން އަލުން ވަނީ ވަޒީފާއަށް ނުކުންނަން ފައްޓަވައިފަ އެވެ.

އެދުވަހުގެ އަޑުއެހުމުގައި އަދީބު ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ދަޢުލަތަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްއާ ފުލުހުންގެ ފަރާތުން އެއްވެސް މަޖުބޫރުކުރުމެއް ކުރިމަތިނުވާ ކަމަށް ވިދާޅުވެފަ އެވެ އަދި އޭނާގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އަލުން އެކޯޓުން ބަލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ދައުލަތުން އޭނާއާ ދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން 23 ޖުލައި ގައި ވަނީ އަމުރުކޮށްފަ އެވެ.