އަންނަ ހޮނިހުރު ދުވަހު އޮންނަ ލޯކަން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީޓަކުގެ އިންތިހާބަށް 400،000 އަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕުކޮށްފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) ބުނީ އިންތިހާބަށް ޖުމްލަ 498،184 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕުކުރި 275،860 ވޯޓު ކަރުދާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ޗާޕުކުރި 222،324 ވޯޓު ކަރުދާސް އެވެ.

ލޯކަން ކައުންސިލް އިންތިހާބުތަކުގައި ވާދަކުރާ ޖުމްލަ ކެންޑިޑޭޓުންގެ އަދަދަކީ 3،934 އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ. އެގޮތުން އިންތިހާބުގެ ސަލަމާތީ ކަންކަން ބަލަހައްޓާ ފުލުހުންނަށް އީސީއިން ވަނީ މައުލޫމާތު ދިނުމުގެ ޕްރިގްރާމެއް ބާއްވައިފަ އެވެ. އަދި މިއަދު ވަނީ ރިސޯޓުތަކަށް ވޯޓު ފޮށި ފޮނުވުމުގެ މަސައްކަތް ފަށައިިފަ އެވެ.