ކުޅެން ބޭނުންކުރާ ބަޑި (ޓޯއި ގަން)އެއް ފެނިގެން ސިފައިންނާއި ފުލުހުން މިއަދު މާލޭ ގެއެއް ބަލައި ފާސްކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ، ފުލުހުން ހިންގާ މާވެޔޮ މަގުގައި ހުރި ގެެއެއް ބަލައި ފާސްކާރުމުގައި ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސިފައިންގެ އެހީ ފޯރުކޮށްދިނީ ފުލުހުން އެދިގެން ކަމަށެވެ.

އޮޕަރޭޝަން ނިމުމާއެކު އާޒިމް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ ގެއެއްގައި ހަތިޔާރު ގެންގުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެެއް ކަމަށެވެ. އަދި އެ ހަތިޔާރު ސިފައިން ޗެކްކުރިއިރު އެއީ ކުޅޭ ބަޑިއެއްކަން ދެނެގަނެވިފައިވާ ކަމަށެވެ.

އެގެއިން ފެނުނު ކުޅޭ ބަޑި ފުލުހުންގެ ކާރަކަށް އަރުވައިގެން ގެންދަނިކޮށް ނެގި ފޮޓޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.