ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް އެކުލެވިފައިވާކަން ގަބޫލުކުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ ރެޕަޓުއާއަށް ފޮނުވި ސިޓީއެއްގައި ސަރުކާރުން މިހެން ބުނެފައިވަނީ ޖުޑީޝަރީގެ އޮނިގަނޑު ބަދަލުކުރުމާ ގުޅޭގޮތުންނެވެ.

ސަރުކާރުން ވަނީ، ޖޭއެސްސީގެ މިހާރުގެ އޮނިގަނޑު ބަދަލުކުރުމުގެ ބަހުސް ކުރިއަށްދާތާ އަހަރުތަކެއް ވެއްޖެ ކަން ފާހަގަކޮށްފަ އެވެ. ކުރީގެ ސަރުކާރުން ޖުޑީޝަރީ އިސްލާހުކުރުމަށް ހުށަހެޅި ކަންކަމުގެ ދިރާސާއެއް ހަދާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެ ދިރާސާގައި، ހަމައެކަނި ޖޭއެސްސީން ސިޔާސީ މީހުން ވަކިކުރުމަކުން ފަނޑިޔާރުން އައްޔަނުކުރުމުގެ މައްސަލަތަކުން ސިޔާސީ ނުފޫޒު ނައްތާލެވޭނެ ކަމަކަށް ނުދެކޭ ކަމަށް ފާހަގަކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ސަރުކާރުން އިތުރަށް ބުނެފައިވަނީ ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރުމުގެ ފައިދާތައް ގަބޫލުކުރެވޭތީ، އެކަން ސަރުކާރުގެ ގާނޫނީ އެޖެންޑާގައި ހިމަނާފައިވާނެ ކަމަށެވެ. އަދި ސަރުކާރު ބަދަލުވުމަށްފަހު ޖޭއެސްސީއަށް އައްޔަނުކޮށްފައިވާ އެއްވެސް މެންބަރަކު، ސަރުކާރުން ބޭނުންވާ ގޮތަކަށް މައްސަލައެއް ނިންމުމަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

އޭގެ އިތުރުން، ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރުމަކީ ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށާއި، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައިވެސް މިކަން ފާހަގަކުރައްވާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް މިކަމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.