ހުޅުމާލެއިން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ 22 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މީހާގެ އަތުން 259 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

.ހައްޔަރުކުރެވުނު މީހާއަކީ އދ. މާމިގިލީ ފުނަމާގޭ މުހައްމަދު އާލިމް ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ހައްޔަރުކުރެވުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް 7 ގެ ތިރީގައިވާ ޕާކިން އޭރިއާގަ އެވެ.

ފުލުހުން ބުނާ ގޮތުގައި، އާލިމް ސައިކަލެއްގައި އެ ސަރަހައްދަށް ވަދެ، ފުލުހުން ފެނުމުން އަވަސްއަވަހަށް ސައިކަލް ޕާކުކޮށް ދާން މަސައްކަތްކުރި އިރު، އޭނާގެ އަމަލުތަކުން ޝައްކުވެގެން ހުއްޓުވައި ބަލައި ފާސްކުރި އެވެ.

މަސްތުވާތަކެތި ފެނުނީ އޭނާ އަތުގައި އޮތް ކޮތަޅަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. މަސްތުވާތަކެތި އަޅާފައި ހުރީ ރަބަރު ޕެކެޓެއްގަ އެވެ. 259 ގްރާމަކީ މި ރަބަރު ޕެކެޓުގެ ވަގުތީ ބަރުދަން ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

މި މައްސަލަ މިހާރު ދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލުސް ސްޓޭޝަނުން ބަލަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ފުލުހުން ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށާއި، މިފަދަ މައްސަލަތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.