އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާކަމަށް ބުނެ އެމެރިކާގެ އިންޓެލިޖެންސްގެ ޑިރެކްޓަރު ތުލްސީ ގައްބާޑު ނުބައި މައުލޫމާތެއް ދިންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވީ މިދިޔަ މާޗުމަހުގެ 25 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް އަށް ގައްބާޑު ހުށަހެޅި އިންޓެލިޖެންސް ކޮމިއުނިޓީ އެސެސްމަންޓާ ގުޅިގެން ޝައްކުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އޭރު ޓްރަމްޕް ކަންބޮޑުނުވާކަމަށް ބުނި ނަމަވެސް، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް އެމެރިކާއިން ބުނުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން ޓްރަމްޕް ވިދާޅުވީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ، އެގައުމުގެ ސަސްޕެންޑް ކޮށްފައުވާ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމު އަލުން ފަށަން ހުއްދަދީފައިނުވާކަމަށް ބުނެ އެ ރިޕޯޓުގައި ހިމަނާފައިވަނީ ނުބައި މައުލޫމާތުތަކެއް ކަމަށެވެ.

އޭނާގެ ސަރުކާރުގެ އިންޓެލިޖެންސް ކޮމިޓީން މިފަދައިން ބުނީ ކާކުތޯ ޓްރަމްޕް ސުވާލު ކުރެއްވުމުން ނޫސްވެރިޔާ ވަނީ އެފަދައިން ވިދާޅުވީ އިންޓެލިޖެންސްގެ ޑިރެކްޓަރު ތުލްސީ ގައްބާޑު ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ޓްރަމްޕް ވަނީ ގައްބާޑު ދިނީ ނުބައި މައުލޫމާތެއްކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން ގައްބާޑު ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އޮތް ދަނޑިވަޅަކަށް އެގައުމުން އައިސްފައިވާކަމަށް ބުނެ، އެކަން އެހެން ވިޔަ ނުދޭނެ ކަމަށް ބުނެފަ އެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވެފައިވާއިރު، އީރާނާއި އިޒްރޭލާ ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާއާ އެކު ކުރިއަށްދިޔަ ނިއުކްލިއާ ޕްރޮގްރާމްގެ މަޝްވަރާތައް ހަނގުރާމަ ހުއްޓާނުލާހާ ހިނދަކު ކުރަން ބޭނުންނުވާކަމަށް އީރާނުން ވަނީ ބުނެފަ އެވެ.