އއ. އުކުޅަހު ސްކޫލްގައި ދަރިވަރަކަށް އަނިޔާކުރި ކަމުގެ މައްސަލައެއް ފެންމަތިވެ، އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ބަލަން ފަށައިފި އެވެ.
މި މައްސަލަ އާންމުވީ، އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ އިއްޔެ ސޯޝަލް މީޑިއާގައި، ކުއްޖާއަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯއެއް ހިއްސާކުރުމުންނެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި، ކުއްޖާގެ ލޮލާއި އަނގަ ކައިރީގައި ވަނީ ޒަހަމްވެ، ލޭކޮށިފަ އެވެ.
އެ ކުއްޖާގެ ބައްޕަ ބުނި ގޮތުގައި، ދަރިފުޅަށް އަނިޔާކުރިކަން އެނގުނީ ސްކޫލުން ގުޅައި އެކަން އަންގުމުންނެވެ. އަދި ސްކޫލަށް ދިޔައިރު، ދަރިފުޅު މޫނުމަތިން ޒަހަމްވެ، ބިރުގެންފައި ހުރި ތަން ފެނުނު ކަމަށް އޭނާ ބުންޏެވެ.
މި އަނިޔާކުރީ ދަރިފުޅުގެ ކްލާސް ކުއްޖެއް ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.
ބައްޕަ ވަނީ މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއާ އެހެނިހެން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ސޯޝަލް މީޑިއާގައި އެ ފަރާތްތައް ޓެގްކޮށްފަ އެވެ. އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މައްސަލަ މިހާރު ބަލަމުންދާކަން ހާމަކޮށްފަ އެވެ.
ކުއްޖާގެ ބައްޕަ އިތުރަށް ބުނީ، ދަރިފުޅަށް ބުލީކުރާތާ ދުވަސްކޮޅެއްވެފައިވާ ކަމަށް ސްކޫލުން އެންގި ކަމަށެވެ. ނަމަވެސް، ސްކޫލުން އެކަން ކުރިން ބެލެނިވެރިންނަށް ނޭންގުމުން އޭނާ ހައިރާންވި ކަމަށް ބުންޏެވެ.
ސްކޫލުން ބުނީ ދަރިފުޅު ވެސް އެކަން ސްކޫލަށް އަންގާފައި ނުވާ ކަމަށް ކަމަށް ޕޯސްޓުގައި ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް، ބުލީކުރާކަން އެންގުމަކީ ހަމައެކަނި ކުއްޖާގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ބައްޕަ ވަނީ ފާހަގަކޮށްފަ އެވެ. ސްކޫލުން އެފަދަ ކަމެއް ހިނގިކަން އެނގި ހުރެ އަޅާނުލީތީ އޭނާ ޝަކުވާކޮށްފައިވެ އެވެ.