މިއަދު ފެށުނު ހިޖްރީ އާ އަހަރުގެ މުނާސަބަތުގައި މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު، ކިސްވާ ބަދަލުކޮށް އާކޮށްފި އެވެ.
ރޭގެ އިޝާ ނަމާދަށްފަހު ގެފުޅުގެ ކިސްވާ ބަދަލު ކުރެވުނު މަންޒަރުތައް ސައޫދީ ޓީވީއިން ވަގުތުން ދުރަށް ދެއްކިއިރު އެތައް މިލިއަން ބަޔަކު ވަނީ އެ މަންޒަރުތައް ބަލާފަ އެވެ.
ސައޫދީ އަރަބިއާގެ ދެ ހަރަމާބެހޭ އިދާރާއިން ބުނީ 1447 ވަނަ އަހަރުގެ ކިސްވާއަކީ 11 މަސް ދުވަހުގެ ބުރަ މަސައްކަތުން ތައްޔާރުކޮށް ނިންމާލެވުނު އުރަކޮޅެއް ކަމަށެވެ.
މައްކާގެ އަލްޖޫދު އަވަށުގައި ހުންނަ ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސް ފޯ ހޮލީ ކައުބާ ކިސްވާގައި ތައްޔާރު ކުރެވޭ މި އުރަކޮޅަކީ އެތައް ގޮތަކުން ހާއްސަ އުރަކޮޅެކެވެ. އެގޮތުން މި އުރަކޮޅުގައި އަތްތެރި މަސައްކަތުން ތައްޔާރު ކުރެވިފައިވާ 47 ފަށުވި ޕެނަލް ހިމެނޭއިރު 24 ކެރެޓް ޚާލިސް ރަނާއި ރިހީގެ ރޮދިން ފަވާފައިވާ ގުރުއާނުގެ 68 އާޔަތް ވެސް ހިމެނެ އެވެ.
އެއާއެކު މި އަހަރު ގެފުޅަށް ތައްޔާރު ކުރެވުނު އުރަކޮޅުގެ ބަރުދަނުގައި 1415 ކިލޯގްރާމް ހުންނާނެ ކަމަށް ސް ސައޫދީގެ ހަބަރުތަކުން ބުނެފައިވެ އެވެ.
ކިސްވާ ތައްޔާރު ކުރުމުގައި ތަފާތު ހަތް މަރުހަލާއެއް އެކުލެވޭއިރު އޭގެ ތެރޭގައި ފެނުން ދޮވުމާއި ކަޅު ކުލައިން "ޑައި" ކުރުމާއި ގުރުއާނުގެ އާޔަތްތައް ޕްރިންޓް ކުރުމުގެ އިތުރުން އަތުވިޔުން ވެސް ހިމެނެ އެވެ.
މީގެ ކުރިން ގެފުޅުގެ އުރަކޮޅު ބަދަލު ކުރެވެމުން އައީ ހައްޖު މޫސުމާ ގުޅުވައިގެން ޛުލްހިއްޖާ މަހުގެ ނުވަވަނަ ދުވަހު ކަމަށްވީ ނަމަވެސް ސައޫދީ އަރަބިއާގެ ސަރުކާރުން ވަނީ އެކަން ބަދަލުކޮށް ހިޖުރީ އާ އަހަރާ ގުޅުވައިގެން ކިސްވާ ބަދަލު ކުރަން ފަށާފަ އެވެ.