ސޯޝަލް މީޑިއާ މެދުވެރިކޮށް ގުޅުން ބާއްވައިގެން ޖަޕާނުގައި 9 މީހުން މަރާލި ޓަކަހީރޯ ޝިރައިޝީ ނުވަތަ "ޓުވިޓާ ކިލާ" ދަންޖައްސައި މަރާލައިފި އެވެ.
މިއީ ތިން އަހަރުގެ ތެރޭގައި އެ ގައުމުގައި މިފަދަ ބޮޑު މަރުގެ އަދަބެއް ތަންފީޒު ކުރި ފުރަތަމަ ފަހަރެވެ. އޭނާ ދަންޖައްސާ މަރާލީ، 2017 ވަނަ އަހަރު ޖަޕާނުގެ ވެރިރަށް ޓޯކްޔޯ ކައިރީގައި އޮންނަ ކަނަގަވާގެ ޒަމާ ސިޓީގައި އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓްގައި 8 އަންހެނުންނާއި 1 ފިރިހެނަކު މަރާލިކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
މިހާރުގެ އެކްސް، އޭރުގެ ޓުވިޓާ މެދުވެރިކޮށް އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލުކުރާ މީހުން ހޯދާ، އެ މީހުންނަށް އެހީވާނެ ކަމަށް ބުނެ އެ މީހުން މެރި ކަމަށް އެއްބަސްވި ޝިރައިޝީ، 9 މީހުންގެ ހަށިގަނޑު މަރާލުމަށްފަހު އޭނާގެ އެޕާޓްމަންޓްގައި ހުރި ކޫލަރުތަކުގައި ރައްކާކޮށްފައި ބެހެއްޓި އެވެ.
އޭނާ ދަންޖެއްސުމުގެ ހުއްދަ ދިން ޖަޕާނުގެ ޖަސްޓިސް މިނިސްޓަރު ކެއިސުކެ ސުޒުކި ވިދާޅުވީ މިފަދަ ނިންމުމެއް ނިންމެވީ މިއީ "ވަރަށް އަމިއްލަ އެދުން ބޮޑު" އަދި މުޅި މުޖުތަމައު ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާ ފަދަ ކުށަކަމަށް ވާތީ ކަމަށެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، އެ ގައުމުގެ ބޮޑުވަޒީރުކަމާ ޝިގެރު އިޝިބާ ހަވާލުވިފަހުން ތަންފީޒު ކުރާ ފުރަތަމަ މަރުގެ އަދަބެވެ. އެންމެ ފަހުން ޖަޕާނުގައި މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ 2022 ވަނަ އަހަރު އެވެ.