އޮންލައިންކޮށް ދިވެހިން ކުރާ ވިޔަފާރިތަކުން، ބޮޑު ފީއެއް ނެގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް، ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ގިނަ ވޯޓުތަކުން ބޭރުކޮށްލައިފި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ދިވެހިން ގިނަ އަދަދަކަށް ވިޔަފާރި ކުރާ ބޭރުގެ ވެބްސައިޓުތަކުން ކޮންމެ ވިޔަފާރިއަކަށް 30 އިންސައްތައިގެ ބޮޑު ފީއެއް ނަގަން ފެށުމުން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމެވެ. މި ވެބްސައިޓުތަކުގެ ތެރޭގައި ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނެ އެވެ.
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ފީއެއް ނަގަން ނިންމުމާއެކު، މި ވެބްސައިޓުތަކުން ކުރާ ވިޔަފާރިތަކުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އަރާނެ ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ. މިކަމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނާއި ދަތުރުކުރާ ފަރާތްތަކަށް ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ސަރުކާރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ރިސޯޓުތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކޮށް، މާރުކުރާ ޑޮލަރުގެ 90 އިންސައްތަ މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ފޮނުވަން ޖެހުމުގެ ސަބަބުން، މުދާ އިމްޕޯޓުކުރާ ފަރާތްތަކަށް ޑޮލަރު ލިބުން ދަތިވެފައިވާ ކަމަށް ވެސް މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ. މިފަދަ ކުއްލި ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެ ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
މި މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިނުގަތުމަށް ޕީއެންސީއަށް ނިސްބަތްވާ 29 މެންބަރުން ވޯޓުދެއްވި އިރު، މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. މައުރޫފްގެ މައްސަލައިގައި އޭނާ އެދިވަޑައިގެންފައިވަނީ މި ކަންކަމާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރުމަށެވެ. ނަމަވެސް ވެރިކަން ހިންގާ ޕީއެންސީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމާއެކު، މިފަދަ ކުއްލި މައްސަލައެއް ބަލައިގަންނާނެ ކަމަށް ކުރިން ވެސް ބެލެވިފައެއް ނުވެ އެވެ.