މަޝްހޫރު ކޮރެއަން ސީރީޒް "ސްކުއިޑް ގޭމް"ގެ ތިންވަނަ ސީޒަނަށް ލިބެމުން އަންނަ ފާޑުކިޔުންތަކާ އެކުވެސް އެ ސީރީޒްއިން ނެޓްފްލިކްސްގެ ރެކޯޑެއް މުގުރާލައިފި އެވެ.
ނެޓްފްލިކްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި "ސްކުއިޑް ގޭމް 3" ރިލީޒް ކޮށްގެން ތިން ދުވަސް ވީއިރު 60.1 މިލިއަން ވިއުސް ވަނީ ލިބިފަ އެވެ.
މިއީ ނެޓްފްލިކްސްގެ ތާރީހުގައި ވެސް އިނގިރޭސި ބަސް ނޫން އެހެން ބަހެއްގެ އުފެއްދުމަކަށް މިހާ ގިނަ ވިއުސް ލިބުނު ފުރަތަމަ ފަހަރެވެ.
މިއާއެކު ސްކުއިޑް ގޭމް 3 ވަނީ ނެޓްފްލިކްސްގެ ޓޮޕް ޓެން ޗާޓުގެ ކުރިއަށް ޖެހިލައި މިވަގުތު އެ ޗާޓުގައިވާ އެހެން އުފެއްދުންތަކަށް ރަނގަޅު ވާދައެއް ދީފަ އެވެ.
މިއީ ސްކުއިޑް ގޭމްގެ ސީޒަން 2 އާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. އެ ސީޒަނަށް 68 މިލިއަން ވިއުސް ލިބިފައިވަނީ ހަތަރު ދުވަހުންނެވެ.
"ސްކުއިޑް ގޭމް 3"އިން ނެޓްފްލިކްސްގެ ރެކޯޑެއް މުގުރާލާފައި މިވަނީ އެ ސީޒަނަށް އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އެގޮތުން ތިންވަނަ ސީޒަނަކީ އޭގެ ކުރިން ރިލީޒް ކުރެވުނު ދެ ސީޒަންއާ އަޅާބަލާއިރު ވާހަކައާއި ޓެކްނިކަލް ކަންކަމުގެ ގޮތުން ވެސް ފެންވަރު ދަށް ސީޒަނެއް ކަމަށް އެމީހުން ބުނެ އެވެ.