ހުޅުމާލޭ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓޭ ހިސާބަށް ގޮސްފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހުން ބޭރުކޮށްލީ ޕީއެންސީގެ 37 މެމްބަރުންގެ ވޯޓާއެކު އެވެ. މި މައްސަލަ ބަލައިގަނެ ބަހުސްކުރަން ޖެހޭކަމަށް ވޯޓް ދެއްވީ 10 މެންބަރުންނެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިއްޔެ ވެސް ބައެއް ހިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ޝަމްހީދު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއް ނަމަވެސް އެގޮތަށް ހިދުމަތްދިނުމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން އެތަނުގައި ނެތްކަމަށާއި، މިހާރު ތިބި މެޑިކަލް އޮފިސަރުންނާކީ ތަނަށް ބޭނުންވާ އަދަދަށްވުރެ މާ މަދު ބައެއްކަމަށެވެ.
މީގެ އިތުރުންވެސް ޝަމްހީދު ވަނީ އެ ހޮސްޕިޓަލްގައި އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއް މިވަގުތު ނެތްކަމާއި، ހާޓް އެޓޭކެއް ޖެހިގެން މީހަކު ގެނެވިއްޖެނަމަ ފަރުވާދެވޭނެ ގޮތެއް ނެތުރމުން، އައިޖީއެމްއެޗް ހޮސްޕިޓަލަށް ފޮނުވައިލުން ނޫން ކަމެއް ކުރެވެން ނެތުމާއެކު މިވަގުތު ނިއުރޯލޮޖިސްޓެއް ނެތްކަން ފާހަގަކުރައްވާފަ އެވެ.
ހަމައެއާއެކު ގިނަ އިރު މަސައްކަތްކަތްކުރަން ޖެހުމުން، ބަލިމީހުން ބެލުމުގައި ފޯކަސް ގެއްލޭކަމަަށާއި، އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާ ގުޅިގެން، ޑޮކްޓަރުން އިތުރަށް މަސައްކަތްކުރުމަށް ބޭނުންނުވާކަމަށް މައްސަލާގައި ވަނީ ފާހަގަކޮށްފަ އެވެ.
މިކަމާ ގުޅިގެން ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި ސްޓޫޑަންޓް ލޯން ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުވައްޒަފުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރަމުންދާކަމަށް މައްސަލާގައި ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.
ޝަމްހީދު ބުނީ މި މައްސަލަ ހުށަހެޅީ ހުޅުމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.