ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގޭ އާންމު ވޯޓުތަކަށް ކެމްޕޭން ކުރަން 90 ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ މިފަދައިން ވިދާޅުވީ ރިފަރެންޑަމް ބިލަށް ކުރިއަށްދާ ބަހުސްގަ އެވެ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުން ނުވަތަ ރައީސްކަމުގެ ދައުރު އިތުރުކުރުން ފަދަ ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކެމްޕޭނު ކުރަން ދިވެހިރާއްޖެ ފަދަ ގައުމަކަށް ތިން މަސް ދުވަހަކީ މާ ކުރު މުއްދަތެކެވެ. ރިފަރެންޑަމް ބިލުގައި މިކަމަށް 45 ދުވަހާއި 90 ދުވަހާ ދޭތެރޭގެ މުއްދަތެއް ކަނޑައަޅާފައި ވިޔަސް، މިއީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ދެ އިންތިހާބު އެއްކޮށްލުމާއި އަދި ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިނުމާއި މިކަހަލަ ކަންތައްތަކެއްގެ ވާހަކަ، މި ކަންތައްތަކުގައި ރައްޔިތުންނަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ދީފައި މިއޮތީ 45 ދުވަހާއި 90 ދުވަހާ ދޭތެރޭގައި، މިއީ މުޅި ރާއްޖެ ކަހަލަ މިކަހަލަ ގައުމެއްގައި އަޅުގަނޑު ގަބޫލު ކުރަނީ ތިން މަސްދުވަހަކީ މާ މަދު ދުވަސްތަކެއް ކަމަށް
ހުޅުމާކެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނެ ހާލަތްތައް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވާއިރު، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓު ނެގިދާނެކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން، ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބު، ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރިޔާސީ ދައުރު، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރުން އަދި ރާއްޖޭގެ ސަރަހައްދު ކަނޑައަޅާ މާއްދާތަކަށް ބަދަލު ގެނައުމަށް ވޯޓު ނެގޭނެ އެވެ. މީގެ އިތުރުން މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގު ނުކޮށް މަޖިލީހަށް އެކަން އެންގި ހާލަތުގައި، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ވެސް ވޯޓު ނެގޭނެ އެވެ.

މިފަދަ ވޯޓަކަށް ދިޔުމަށް ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހޭއިރު، ގައުމީ މުހިންމު މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ އެވެ. މި ވޯޓުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު ނަގަން ޖެހޭނީ ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގަ އެވެ. ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ކުރިން، އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތައް ހިމެނޭ މައުލޫމާތު ކަރުދާހެއް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ބިލުގައި ލާޒިމުކޮށްފައިވެ އެވެ.