އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.
އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ ތަހުގީގުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ޒަޚަމްތަކަކާއެކު އަބްދުއްރަހްމާން އާދަމް 65، އޮތްވައި ފެނިގެން ފުލުހުންނަށް އެކަން އެންގީ ރޭ ދަންވަރު 1:50 ގައި ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ މަރުވީ އެރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް ރޭ ފަތިހު ކަމަށް ވެސް ފުލުހުން ބުނެ އެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އެ ރަށުގައި ބޮޑު ތަހުގީގެއް ފަށައިފަ އެވެ.
އަބްދުއްރަހްމާން މަރުވުމާ ގުޅިގެން ފުލުހުންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓާ ކުރަމުންދާ ކަމަށް ދިވެހި ފުލުހުން ބުނެ އެވެ.
އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކު އެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެހެން ތަނެއްގައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ރަށުން ވާހަކަދެއްކި ބުނިގޮތުގައި ބޮޑަށް އަނިޔާ ދީފައި ވަނީ އޭނާގެ ބޮލަށެވެ. އަދި މި ހާދިސާ ހިނގިކަމަށް ބޮޑަށް ލަފާ ކުރެވެނީ 12:00 އާއި 1:00 ދެމެދު ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.